ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އަޅުވާތީ ކަންބޮޑުވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރައްވާ ކަމަށް ބުނެ ދޮގު ހަބަރު ފެތުރާ ވާސީލަތްތަކުން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގާލުމަށް ވާގިވެރިވަމުންދާ “ރައްޔިތުންގެ އިއްތިހާދު”ގެ ނަމުގައި ހިންގާ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް މިހަރަކާތުން މަސައްކަތް ކުރަމުން ދާކަމީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް 6 މޭ 2021 ގައި ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއިން އެ މަނިކުފާނު ސަލާމަތްވީތާ އަދި އަހަރު ނުވާކަމަށާއި އެހަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާ ކަން އެމްޑީޕީން ފާހަގަކުރިއެވެ.

އެމްޑީޕީން އިތުރަށް ބުނީ ޓެރަރިސްޓް ހަމަލާތަކަށް ދިވެހި މުޖުތަމައު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ހިދުމަތްތަކުން ހާމަކުރަމުންދާ ކަމަށެވެ.

އަދި ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދާ، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި އެމްޑީޕީން ނުދެކޭކަމަށް އެޕާޓީން ބުނެއެވެ.