އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ދިއްލީއާއި ވިޔަފާރި މަރުކަޒު މުމްބާއީ ފަދަ ބޮޑެތި ސިޓީތަކުގައި ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރުވަމުން ދިއުމާއެކު، ބަލިމަޑުކަމުގެ 3 ވަނަ ރާޅަކަށް އެ ގައުމު ތައްޔާރު ވެއްޖެއެވެ.

އަންގާރަ ދުވަހު އިންޑިއާއިން 37379 ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވާއިރު، މިއީ ހަފުތާއެއްގެ މުއްދަތަށް ބަލާއިރު، 5 ގުނަ އިތުރު އަދަދެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިއާގައި މިވަގުތު ކޭސް އިތުރު ވަމުން ދަނީ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުންނެވެ.

މި ކޭސްތަކުގެ ގާތްގަނޑަކަށް 3 ބައިކުޅަ 1 ބައި ކޭސް ރިޕޯޓް ކޮށްފައި ވަނީ ދިއްލީއާއި މުމްބާއީއިން ކަމަށް ވާއިރު، އެ 2 ސިޓީއިންވެސް ވަނީ، ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ތަންފީޒު ކުރަން ފަށާފައެވެ.

އިންޑިއާގެ ވެކްސިން ޓާސްކްފޯހުގެ އިސްވެރިޔާ ޑރ އެންކޭ އަރޯރާ ވިދާޅުވީ، ކޮވިޑްގެ 3 ވަނަ ރާޅު އެ ގައުމަށް ބިންދާލާފައި ވާ ކަމަށެވެ. ދިއްލީގެ ހެލްތު މިނިސްޓަރު ސަތުޔެންދުރާ ޖެއިން ވިދާޅުވީ، އެ ސިޓީއިން ޓެސްޓު ކުރި ސާމްޕަލްތަކުގެ 81 ޕަސެންޓް، އޮމިކްރޯންއަށް ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

ކޮވިޑް ކޭސްތައް އިތުރު ވަމުން ދިއުމާ ގުޅިގެން ދިއްލީގައި މުނިފޫހިފިލުވާ ތަންތަން މިދިޔަ ހަފުތާގައި ބަންދު ކޮށްފައި ވާ އިރު، ކާފިއު ހަރުކަށި ކޮށްފައި ވަނީ ހަފުތާ ބަންދަށެވެ. އެގޮތުން ހުކުރު ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ޒަރޫރީ ކަންކަން ފިޔަވާ އެހެން ހުރިހާ ކަމެއް ހިންގުން ވަނީ މަނާ ކޮށްފައެވެ.

ދިއްލީގައި ކާފިއު އިއުލާން ކޮށްފައި ވަނީ، ދިއްލީގެ ޗީފް މިނިސްޓަރު އަރްވީންދު ކެޖްރިވާލް ކޮވިޑަށް ޕޮޒިޓިވްވި ތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ. ކެޖްރިވާލް ވަނީ ޕޮޒިޓިވްވުމާ ހަމައަށްހެން އިންތިހާބީ ރެލީތަކުގައިވެސް ބައިވެރިވެފައި ކަމަށް މައުލޫމާތު ލިބެއެވެ.