ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މާފަރު އެއާޕޯޓުގެ ޖާގަ އިތުރުކޮށް ބޮޑުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި އެކަން ނުކުރެވި ލަސްވެގެންދިޔައީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
އެއާޕޯޓު ބޯޑުކުރުމުގެ މަސައްކަތުގެ ބިޑް މަރުހަލާ ނިންމައި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ތެރެއިން ރަންވޭ އާއި ޓާމިނަލްގެ ޖާގަ ވެސް ބޮޑު ކުރެވިގެންދާނެ ކަމަށާއި އަދި ފްލައިޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެއްސުމަށް ރާވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫއާއެކު އައިލެންޑް އޭވިއޭޝަނުން އެ ރަށުގައި ހޮޓެލެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއުތައް ނިމުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.