އަނެއްކާވެސް ހިޔާ ފްލެޓް ސަރަހައްދުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ އުތުރަށް އޮންނަ ހިސާބުގައި ޖަމާކޮށްފައިހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓުކޮށްފައި ވަނީ މިއަދު 11:13 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ކުނި ބަހައްޓާފައި ހުންނަ ގޮތުން ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާތައް ދިމާވަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. ބައެއް ފަހަރު ހިޔާ ފްލެޓްގެ އެންމެ ތިރީގައި ކުނި ބަހައްޓާ ސަރަހައްދުން އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި އެބަ ހުއްޓެވެ.

މިގޮތުން މިމަހު 2 ވަނަ ދުވަހު ވެސް ވަނީ އެސަރަހައްދުގައި ހުރި ކުނިތަކެއްގައި އަލިފާނު ރޯވެފައެވެ.