ޓިކްޓޮކް ވީޑިއޯއެއްގެ މައްސަލާގައި، އަވަށްޓެރި ސްރީލަންކާގެ ހިންގި ދެބަސްވުމެއްގައި 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށް، މަރާލައިފިއެވެ.

ޖެނުއަރީ 3، 2021 ވަނަ ދުވަހުގެ ހާދިސާގައި އަނިޔާ ލިބުނު 17 އަހަރުގެ ޢަބްދުލް ލަޠީފު މަރުވީ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިހާތަނަށް ހިންގި ތަހުގީގަށް ބަލާއިރު، ޢަބްދުލް ލަޠީފަށް ހަމަލާ ދީފައި ވަނީ އޭނާގެ 2 އެކުވެރިއަކާ އެކު މަގު ހިނގާފައި ދަނިކޮށް، އެމީހުންގެ ފަހަތުން އައި ގުރޫޕަކުން ކަން ވަނީ ހާމަވެފައެވެ. އެ ދެބައި މީހުންގެ މެދުގައި ހޫނު ޒުވާބެއް ކުރި ކަމަށް ލަންކާ މީޑިއާއިން ބުނެއެވެ.

ޓިކްޓޮކް ވީޑިއޯއެއްގެ މައްސަލާގައި ޒުވާބު ކުރަމުން ގޮސް، ތޫނު އެއްޗަކުން ހަމަލާދީ، ޢަބްދުލް ލަޠީފު ޒަހަމްކޮށްލުމަށްފަހު އެ ގުރޫޕުން ފިލާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ. ހަމަލާ ދިން މީހުންގެ ހޯދާ، ހައްޔަރު ކުރުމަށް، ލަންކާ ފުލުހުން ދަނީ އިތުރު ތަހުގީގުތަކެއް ހިންގަމުންނެވެ.

ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ކަން ހޯދާފައި ވާ ޓިކްޓޮކް އެޕްލިކޭޝަނަށް އަޕްލޯޑް ކުރާ ބައެއް ވީޑިއޯތަކުގެ ސަބަބުން، އިޖުތިމާއީ އެކި މައްސަލަތައް އުފެދޭ ފަހަރު އާދެއެވެ. އެގޮތުން، ދީނީ އަދި އިޖުތިމާއީ ސުލޫކާ ހިލާފު ވީޑިއޯތައް އާންމުވެ، އެއްބަޔަކު އަނެއް ބަޔަކަށް، މީސް މީޑިއާގައި ހަނގާ ކުރާ ފަހަރުވެސް އާދެއެވެ.