ސޯޝަލް ސެންޓަރުން ކޮވިޑް-19އަށް ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ސޯޝަލް ސެންޓަރުން ސާމްޕަލް ނަގަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރު 03:00 އިން ފެށިގެން އިރުއޮއްސި 06:00 އަށެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު ސާމްޕަލް ނަގާނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން އިރުއޮއްސި 06:00 އާ ހަމައަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލްތައް ނަގަނީ ސެނަހިޔާ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ފުލޫ ކްލިނިކް އަދި ވިލިމާލޭ ފުލޫ ކްލިނިކުންނެވެ.
އިއްޔެ 3740 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 242 މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 97 މީހަކާއި، އަތޮޅުތެރެއިން 78 މީހަކާއި ރިސޯޓްތަކުން 66 މީހެއްގެ އިތުރުން ލިވަބޯޑުން އެކަކުއެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 96294 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން އައިސް އުޅޭ ކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި އަދި މަގުމަތީ ބާޒާރު ފެށުމުން އެތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވުމަކީ މިވަގުތު ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.