މިއަދު ރާއްޖެއިން ރިޕޯޓް ކުރި ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު 200 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 3740 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 242 މީހުން ކަމަށެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 97 މީހަކާއި، އަތޮޅުތެރެއިން 78 މީހަކާއި ރިސޯޓްތަކުން 66 މީހެއްގެ އިތުރުން ލިވަބޯޑުން އެކަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 96294 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 667 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 262 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މިއަހަރު މި ބަލީގައި މީހަކު މަރުވެގެން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

މިއަދު ރިޕޯޓް ކުރި ކޭސްތަކަށް ބަލާއިރު މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވެފައިވާ ކަން ފާހަގަ ކުރެވެއެވެ. އިއްޔެ މޭލެ ސަރަހައްދުން 40 މީހުން ޕޮޒިޓިވްވެފައި ވާއިރު އޭގެ ކުރީ ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 53 މީހުންނެވެ.

މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން އައިސް އުޅޭ ކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި އަދި މަގުމަތީ ބާޒާރު ފެށުމުން އެތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވުމަކީ މިވަގުތު ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.