މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ތަހުގީގަށް ހާޒިރުކުރުމަށް އަންގާ އިއުލާން ކުރާ ކަމަށެވެ. އެ ދެމީހުން ހޯދަނީ މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ތަހުގީގަށް ހޯދަނީ އުމުރުން 26 އަހަރުގެ އަންހެނެއް ކަމަށްވާ އދ. މާމިގިލި، ނޭޕާލް، އާއިޝަތު މާޝާ ޝާހީން އާއި އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށް ވާ، ހއ. ހޯރަފުށި، އަޝްރަފީގެ، ނައުފަލް އަހްމަދެވެ

އެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ އާއި އާއިލާއަށް ވެސް އެ ދެމީހުން އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެ ދެމީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުން ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް، މި މަހުގެ 13 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވާން ފުލުހުން ކުރި އިއުލާންގައި ވަނީ އަންގާފައެވެ.

މަކަރާއި ހީލަތްހަދާ އޮޅުވައިލައިގެން އެޕާޓްމަންޓް ކުއްޔަށް ދޭން އުޅޭ މައްސަލަތައް މީގެ ކުރިން ވެސް ހިނގާފައި އެބަހުއްޓެވެ.