އިސްލާމިކް މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ ވަގްފު ފަންޑުތަކަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ނިންމައިފިއެވެ.

ވަގްފު ފަންޑުތަކުގެ ތެރޭގައި ހިމެނެނީ މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގްފު ފަންޑެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ނަގުދު ފައިސާއިން ވަގްފު ފަންޑަށް ފައިސާ ބަލައިގަންނަން ނިންމީ، އެ ފަންޑުތަކަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އަންނަ އޭޕްރިލް މަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރު 12 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ފައިސާ ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އިދާރާތަކަށް އާންމުގޮތެއްގައި ފައިސާ ދައްކަން ބޭނުންކުރަނީ ބަނޑޭރި ޕޯޓަލެވެ. ވަގްފު ފަންޑުތަކަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، ބަނޑޭރިޕޭ އިން ފައިސާ ޖަމާކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.