މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ މަރާލައި ހުޅުމާލެ ފޭސް 2 ގައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ދައުވާ ކުރާ އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ.

ޒިހާންގެ މައްޗަށް 13 ދައުވާއެއް އުފުލާފައި ވާއިރު މާދަމާ އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފާ ވަނީ ހެނދުނު 11 ޖަހާއިރަށެވެ.

ޒިހާންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަކާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ 5 ދައުވާއަކާއި ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ކުރުމުގެ ދައުވާއަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ކުއްޖަކު ގްރޫ މްކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއަކާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ 3 ދައުވާއެއް ޒިހާންގެ މައްޗަށް ވަނީ އުފުލާފައެވެ.

ޒިހާންގެ ބަންދު މިދިޔަ މަހުގެ 1 ވަނަ ދުވަހު ދަމަހައްޓައިފާވާއިރު އެ މައްސަލައިގެ ތުހުމަތުވާ ކުޑަކުއްޖާގެ ބަންދު މި ދިޔަ މަހު 2 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮއްޓަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.