އެމްޑަބްލިއުއެސްސީން ރ. ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނިން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް، ދުވާފަރުގައި 35kWp ގެސޯލާ ޕަވާ ސިސްޓަމެއް ހަރުކޮށްފައިވާ ކަމަށެވެ.

މި ސޯލާ ޕަވާ ސިސްޓަމާއެކު، ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83kWp ގެ ސޯލާ ޕަވާ އަށް އިތުރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48kWp ގެ ސޯލާ ޕަވާ ސިސްޓަމެއް ގާއިމްކޮށް، އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންދިޔަ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ، 2012 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނޭނެހެން އެކިއެކި އޮޕަރޭޝަން ސެންޓަރުތަކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންދާ ކަމަށެވެ.

މިގޮތުން، ޖުމްލަ 578kWp އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން މިއަދު އެމްޑަބްލިއުއެސްސީން ހޯދާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.