އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން "އޮޕަރޭޝަން ރިވެލި” ގެ ދަށުން 387 އުޅަނދާއި 99 މީހަކު ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ބުނީ، އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދުގެ ހެނދުނު 06:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 789 ސަރހައްދަކާއި 387 އުޅަންދު ބަލައި ފާސްކުރި އެވެ. ހަމައެއާއެކު 99 މީހަކު ބަލައިފާސްކޮށްފައި ވާ އިރު ހުއްޓުވައި ސުވާލުކޮށް 504 މީހަކު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން އިއްޔެ ހަވީރުން ފެށިގެން މިއަދުު ހެނދުނު 6 އާ ހަމައަށް ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ ތިން މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާ ކޮށްފައި ވާ އިރު، 6 އުޅަނދެއް ވަނީ ޓޯ ކޮށްފައެވެ. އަދި ކަނޑުމަތީގެ ވައިލޭޝަންތަކުގައި 5 ފަރާތްތަކަށް ނަސޭހަތްތެރިވެ ފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގައިޑްލައިންތައް ތަންފީޒު ކުރުމުގެ މަސައްކަތްވެސް ކުރަމުންދެއެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން މިއަދުގެ ހެނދުނު 6 އާ ހަމައަށް މާސްކު ނާޅާ އުޅުމުގެ ސަބަބުން 6 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު މާސްކު ނާޅައި އުޅުމުގެ ސަބަބުން 2 މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ.
މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުމުގެ އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި އެެއްވެސް ބޭނުމެއްނެތި މާލެތެރޭގައި އުޅޭ މީހުންނާ ސުވާލު ކޮށް، ކްރައިމް ހޮޓްސްޕޮޓްތައް ބަލައި ފާސްކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. އަދި މި އޮޕަރޭޝަނުގައި އާންމުކޮށް މާލެތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން އިތުރު ފުލުހުން ހަރަކާތްތެރި ވަނީ ވެފައެވެ.