2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ބައްޔަކީ މިވަގުތު ދުނިޔެއަށް އޮތް އެންމެ ބޮޑު ބިރުވެރިކަމެވެ. 2020 ވަނަ އަހަރު މުޅި ދުނިޔެ ހޭދަކުރީ އަލަށް ފެނުނު މި ބަލީގެ އަލާމަތްތަކާ ބަލީގެ ނުރައްކާތައް ދެނުގަތުމުގައި ލޮކްޑައުނެއްގެ ތެރޭގައި ކަމަށްވީ އިރު އެއަހަރު ނިންމާލީ އުއްމީދުގެ އަލިކޮޅަކާއެކުއެވެ. އެއީ ކޮވިޑްއާ ދެކޮޅަށް އުފެއްދި ވެކްސިން ޖަހަން ފެށުމާ ގައުމުތަކުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖަހަން ފެށުމެވެ.
ބާޒަރަށް އެކި އެކި ވެކްސިންތައް ނިކުންނަމުން ދިޔަ އިރު އެގައުމަކަށް ލިބުނު ވެކްސިނެއް ގައުމުތަކުން ޖަހަމުން ދިޔައީ ބަލީގެ ނުރައްކާ މުޅިން ފިލައިގެން ދިޔައީ ކަމުގެ ފޮނި އުއްމީދުގައެވެ. އެހެން ނަމަވެސް ކަންތައް ވީ އަނެއްކާވެސް ހީކުރި ގޮތާ މުޅިން ހިލާފަށެވެ. ކޮވިޑްގެ ވޭރިއަންޓްތައް އުފެދި މީގެ ތެރެއިން ބައެއް ވޭރިއަންޓްތަކަކީ އަސްލު ކޮވިޑް ބައްޔަށް ވުރެ ވެސް ނުރައްކާތެރިކަން ބޮޑު އެއްޗެއްކަން ހާމަވެގެން ދިޔައީ ހިތި ފިލާވަޅެއްގެ ސިފައިގައެވެ.
އިނގިރޭސިވިލާތުން ފުރަތަމަ އަލްފާ ވޭރިއަންޓް ފެނިގެން ރިޕޯޓް ކުރި އިރު އެއަށް ފަހު ދެން ފެނިގެން ދިޔައީ މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ކޮވިޑްގެ ވޭރިއަންޓް ކަމަށްވާ ޑެލްޓާ ވޭރިއަންޓެވެ.
ޑެލްޓާ ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ އިންޑިއާއިން
ކޮވިޑްގެ ފުރަތަމަ ރާޅުގެ ސަބަބުން އިންޑިއާގައި ބަލި ފެތުރިގެން އައި މިންވަރު 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދަށަށް ދިޔަ އިރު ކޮވިޑްއާއި ދެކޮޅަށް އިންޑިއާގައި އަޅަމުން ދިޔަ ފިޔަވަޅުތައް ވެސް އޭނގެ ފަހުން ލުއިކުރަން ފެށިއެވެ. ހާއްސަކޮށް ސިޔާސީ ހަރަކާތްތައް އިތުރުވެ އެކި އެކި ކަންކަމުގައި ގިނަ މީހުން އެއްތަނަކަށް ބޮޑިވެގެން އުޅުން އިތުރުވުމުގެ ނަތީޖާއަކަށްވީ ކޮވިޑްގެ އާވޭރިއަންޓްއެއް އެގައުމުގައި ފެތުރިގެންދިއުމެވެ.
އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ބަލި ފެތުރޭ މިންވަރުވެ އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނި އިރު އިންޑިއާގައި މިއަހަރުގެ ފެށުމާއެކު ވީ ވެސް ހަމައެހެނެވެ. ދުވަހުން ދުވަހުން ކޭސްތައް މައްޗަށް ގޮސް މޭއި 2021 ވީ އިންޑިއާއަށް ހިތްދަތި މަހަކަށެވެ.
ކޮންމެ 24 ގަޑި އިރަކުން ލައްކައިން އާ ކޭސްތައް އިންޑިއާއިން ފެންނަމުން ދިޔަ އިރު މޭއި މަހުގެ އެއް ދުވަހެއްގެ ތެރޭގައި އެގައުމުން ހަތަރު ލައްކަ އާ ކޭސް ވެސް ފެނުނެވެ. އެއީ އޭރު އެއްދުވަހެއްގެ ތެރެއިން އެއް ގައުމުން އެންމެ ގިނައިން ކޭސް ފެނުނު ފަހަރުވެސް މެއެވެ. ހޮސްޕިޓަލްތައް ބަލި އަޅާ ނުލެވޭ ބަލި މީހުން ގިނަވެ މަރުވާ މީހުންގެ އަދަދު އިންތިހާ މައްޗަށް އަރައިގެން ދިޔައެވެ.
އިންޑިއާގައި ކޮވިޑް ފެތުރެން ފެށުމުން ދެކުނު އޭޝިޔާގެ އެހެން ގައުމުތަކަށް ވެސް ހަލުވި ކަމާއެކު ކޮވިޑް ފެތުރެން ފެށިއެވެ. އަދި ކޭސްތައް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ނަތީޖާއަކަށްވީ ކޮންމެ ގައުމަކުން ވެސް ފިޔަވަޅުތައް ހަރުކަށިކޮށް އަމިއްލަ ސަލާމަތް ހޯދުމަށް މަސައްކަތް ކުރުމެވެ.
ވެކްސިންގެ ޕްރޮގްރާމްތައް ހަރުދަނާކުރުން
ޑެލްޓާ ވޭރިއަންޓާއާއެކު މުޅި ދުނިޔޭގަައި އުފެދުނު ކޮވިޑްގެ ރާޅުތަކުގެ ހައްލެއްގެ ގޮތުގައި ގައުމުތަކުން ހޯދީ ލޮކްޑައުންތަކަށް ދިއުމާ ވެކްސިން ޕްރޮގްރާމްތައް ހަރުދަނާކުރުމެވެ. މިގޮތުން، މީހުން އެއްވެ އުޅުން ހުއްޓުވުމަށް ކާފިއުތަކާ ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރި އިރު ކޮންމެ ގައުމަކުން ވެސް ދެން އެންމެ އިސްކަމެއް ދިނީ ވެކްސިން ޕްރޮގްރާމްތައް ހަރުދަނާކޮށް އާބާދީގެ ވީހާވެސް ގިނަ ބަޔަކަށް ވެކްސިންގެ ޑޯޒްތައް ދިނުމަށެވެ. މިކަމުގެ ނަތީޖާ ވެސް ރަނގަޅެވެ. އަހަރުގެ މެދާ ހަމައަށް އައި އިރު ދުނިޔެ އޮތީ ކޮވިޑް ކޮންޓްރޯލްކޮށްގެންނެވެ. އަލުން ވައިގެ ދަތުރުފަތުރުތައް ހުޅުވާލާ ފަތުރުވެރިކަމަށް މަރުހަބާ ކިޔާ އާންމު ދިރިއުޅުމަކަށް ގާތްގަނޑަކަށް ވާސިލްވެފައެވެ.
އަހަރު ނިންމާލީ އާވޭރިއަންޓް އޮމިކްރޯންގެ ބިރާއެކު
ކޮވިޑްގެ ބިރު ފަހަތަށް ޖައްސާ އެހެން ކަންކަމައިގެން ދުނިޔޭއަށް އުޅެވުނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅަށެވެ. އަނެއްކާވެސް މިވަނީ ކޮވިޑްގެ އާ ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ.
އޮމިކްރޯން ނަމަކަށް ކިޔާ ވޭރިއަންޓްއެއް ދެކުނު އެފްރިކާއިން ފެނުނު ހިސާބުން ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. އެހެން ނަމަވެސް އޭރު މި ވޭރިއަންޓް މިވަނީ ދުނިޔޭގެ ގިނަ ހިސާބުތަކަށް ފެތުރިފައެވެ. ހާއްސަކޮށް ވިލާތުގައި ހަލުވިކަމާއެކު އޮމިކްރޯން ފެތުރެމުންދާ އިރު އިނގިރޭސިވިލާތުގެ ހާލަތު ގޯހެވެ. އެމެރިކާއިން ވެސް ދަނީ ރިކޯޑް މިންވަރަކަށް ކޭސްތައް ރިޕޯޓްކުރަމުންނެވެ.
އޮމިކްރޯން ވޭރިއަންޓާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި ނޭނގޭ އިރު އެނގޭހާ ވެސް އެއްޗަކީ މިވޭރިއަންޓަކީ ކުރިން ބަލި ޖެހިފައިވާ މީހުންނަށް އަލުން ބަލި ޖައްސާލެއް ފަސޭހަ ވޭރިއަންޓެއް ކަމެވެ. އަދި މި ވޭރިއަންޓަކީ މާކެޓުގައި މިހާރު ހުރި ވެކްސިންތަކަށް ގުނޑާ ވޭރިއަންޓެއް ކަމެއް އަދި ބުނަން ނޭނގޭ އިރު ގައުމުތަކުން ދަނީ ވެކްސިންގެ ބޫސްޓާ ޑޯޒްތައް ޖަހަމުންނެވެ.