މާފުށީގެ ކައިރީގައި ބިމެއް ހިއްކައިގެން ހަދާފައިވާ ޕިކްނިކް އައިލެންޑް "ވައްމާފުށި" ވަގުތީގޮތުން ބޭނުން ކުރަން ހުޅުވާލައިފިއެވެ.

މާފުށީގެ ކައުންސިލުން ވަނީ ވައްމާފުށި ބޭނުންކުރާނެ އުސޫލުތަކެއް ހަދައި ރަސްމީކޮށް ހުޅުވާލަންދެން، ކައުންސިލްގެ ހުއްދަ އާ އެކު އެ ރަށަށް އެރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެވެ.

އެގޮތުން، ކޮންމެ ދުވަހެއްގެ ހެނދުނު 6 އިން އިރުއޮއްސި 6 އަށް ވައްމާފުށްޓަށް އެރުމަށް ދިވެހިންނަށް ހުއްދަދިނުމަށް މާފުށީގެ ކައުންސިލުން ނިންމާފައި ވާއިރު، ހަފްތާ ބަންދު ދެ ދުވަސް ކަމަށްވާ ހުކުރު ހޮނިހިރު ފިޔަވައި ގެސްޓްހައުސްތަކުގެ ގެސްޓުންނަށްވެސް އެ ރަށަށް އެރުމުގެ ހުއްދަދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވައްމާފުށި ފެހިކުރުމުގެ ގޮތުން ގަސް އިންދުމަށް، މާފުށީގައި ދިރިއުޅޭ މީހުންނަށާއި، ކްލަބް ޖަމިއްޔާތަކަށާއި، މުއައްސަސާ ތަކަށް ވަނީ ހުޅުވާލާފައެވެ.

ވައްމާފުށި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ، ކުޅިވަރު ކުޅުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތް ތަކަށާއި، އަދި ކުޑަކުދީންނަށް ހާއްސަ ކުރެވިފައިވާ މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި ހިދުމަތްތައް ހިމެނޭ ގޮތަށެވެ.

ވައްމާފުށި ވަގުތީގޮތުން ބޭނުންކުރަން މާފުށީގެ ކައުންސިލުން ހުއްދަދީފައި ވާއިރު، މާފުށި ވަނީ އިއްޔެ މޮނިޓަރިންނަށް ލާފައެވެ. މާފުށި މޮނިޓަރިންނަށް ލާފައި އޮތަސް، އެ ރަށަށް އަރައި ފޭބޭނެއެވެ.