މީގެ ނުވަ އަހަރު ކުރިން މަސައްކަތް ފަށާފައިވާ ފުލުހުންގެ ފްލެޓުތައް ނިންމަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

ޕޮލްކޯ މެދުވެރިވެގެން ހުޅުމާލެ ފޭސް 1 ގައި ފެށި އެ މަޝްރޫއުގެ ނުނިމި ހުރި ފިނިޝިން މަސައްކަތްތައް ޕްލޭނިން މިނިސްޓްރީން އަމިން ކޮންސްޓްރަކްޝަނާ އިއްޔެ ހަވާލުކުރީ 240 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

އެ މަޝްރޫއަށް 274 މިލިއަން ރުފިޔާ ހަރަދު ކުރާއިރު، އެ މަޝްރޫއަށް ހަރަދުކުރަން ނިންމާފައި ވަނީ ޑޮމެސްޓިކް ބަޖެޓުންނާއި ކޮމާޝަލް ލޯނަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އަޅާ ފުލުހުންގެ ފްލެޓްތަކުގެ ތިން ޓަވަރުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާޓްމެންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ އަކާއި ކޮމާޝަލް އޭރިއާ އަކާއި، މަލްޓި ޕާޕަސް ހޯލެއް ހިމެނެއެވެ.

އަމީން އަކީ މި މަޝްރޫއު ނިންމަން ހަވާލުކުރި ތިންވަނަ ކުންފުންޏެވެ.

ޕޮލްކޯގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތްތައް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ 2012 ވަނަ އަހަރު ނޫމަޑި ކުންފުންޏަށެވެ. ނަމަވެސް 2016 ގައި އެ މަޝްރޫއުގެ މަސައްކަތްތައް އައިލެންޑް އެކްސްޕާޓްސް އާ ހަވާލުކުރި ފަހުން ފަސް އަހަރު ވެފައި ވާއިރު، އެ މަޝްރޫއު އަދިވެސް ނިމިފައެއް ނުވެއެވެ.