ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެފްއޭއެމް އިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، މުސާރަ ނުދޭ ކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ އެއްބަޔަކު ފަތުރާ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އެނގިފައިވާ ގޮތުން އެފްއޭއެމްގެ ހަރަދުތައް ހަމަޖެއްސުމަށް ޔޫތު މިނިސްޓްރީން ހަމަޖައްސައިދޭ 4 މިލިއަން ރުފިޔާ، ފިނޭންސް މިނިސްޓްރީން ދިނުމުގައި ވަނީ ލަސްތަކެއް އައިސްފައެވެ.

މިކަމާ ގުޅިގެން އެފްއޭއެމުން ބުނީ، އަހަރުގެ ފަހުކޮޅާ ދިމާވުމުން ލަސްތަކެއް ހުރި ނަމަވެސް އަހަރު ނިމުމުގެ ކުރިން ހުރިހާ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

އެފްއޭއުމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ ދުވަހު ނޫހަކުން ބުނެފައި ވަނީ، މިހާރު މުވައްޒަފުންނަށް މުސާރަ ނުލިބޭތާ ދެމަސް ވެފައިވާ ކަމަށެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމުގެ ޝަކުވާ ފެންމަތި ވީ އިރު، އެފްއޭއެމްގެ ހަ މުވައްޒަފަކު ދާދި ފަހުން ވަނީ ވަޒީފާއިން ވެސް ވަކި ކޮށްފައެވެ. އެފްއޭއެމުން ބުނެފައި ވަނީ އެއީ އޮނިގަނޑަށް ގެންނަ ބަދަލަކުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ މަގާމުތަކަށް ގާބިލު މުވައްޒަފުން ހޯދަން ކުރިއަށް އޮތްތާނގައި އިއުލާން ކުރާނެ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން، އެފްއޭމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ އެފްއޭއެމް ބަނގުރޫޓްވެފައިވާ ކަމަށެވެ.