ހޯމް ސްޓޭ ޓޫރިޒަމް ވިޔަފާރިކުރަން ފުރަތަމަ ހުށައެޅީ މ. ދިއްގަރުގެ ބައެއް ގެތަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.
ހޯމް ސްޓޭ ޓޫރިޒަމް ތައާރަފްކޮށް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލްތައް ދިނުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޕްލޭނިން ހެޑް މުހައްމަދު ހުއްސާން ވިދާޅުވީ މި ވިޔަފާރި ކުރަން ފުރަތަމަ ރަޖިސްޓްރޭޝަން ދީފައި ވަނީ މ. ދިއްގަރުގެ ބައެއް ގެތަކުން ކަމަށާއި އިތުރު ބައެއް ރަށްރަށަށް ވެސް ދޭން ވިސްނާފައި އޮތް އިރު، ގެސްޓް ހައުސް ހުރި ރަށްރަށުން ކަންބޮޑުވުން ފާޅުވެގެން އައި ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ މި ކޮންސެޕްޓް ތައާރަފް ކުރާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ކޮންސެޕްޓް ނުވަތަ ސިޔާސަތު ކަމުގައިވާ "ވަން އައިލެންޑް، ވަން ރިސޯޓް" ގެ ކޮންސެޕްޓްއަށް ފުށު އެރުމެއް ނާންނާނެ ގޮތެއްގެ މަތިން ކަމަށެވެ.
އައްސަދު ރިޒާ ވިދާޅުވީ މި ތައާރަފް ކުރެވޭ ޓޫރިޒަމް ވިޔަފާރީގެ ސަބަބުން ރާއްޖެއަށް ކުރިން ލިބިފައި ނެތް މާރުކޭޓުތަކާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ފަތުރުވެރިން އައިސް ގެސްޓް ހައުސް ވިޔަފާރިތައް ކުރިއަށް ޖެހިގެން ދާނެ ކަމަށެވެ.
އައްސަދު ރިޒާ ވިދާޅުވީ މި ފުރުސަތު ރާއްޖޭގައި ހުރިހާ ރަށަކަށް ވެސް ހުޅުވާލާނެ ކަމަށާއި އިސްކަން ދޭން ބޭނުންވާ ވަކި ތަރުތީބެއް ވެސް އޭގައި ނެތް ކަމަށާއި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ވެސް ފުލް ސީޒަން ދުވަސްވަރު މުޅި ގެސްޓް ހައުސް ފުރިގެން ދާއިރު އިތުރަށް އަންނަ ބުކިންތައް ރަށު ތެރެއިން އެހެން ގެތަކުގައި ކަނޑައެޅޭނެ ފުރުސަތު މިއިން ހުޅުވިގެންދާ ކަމަށެވެ.
އައްސަދު ރިޒާ އިތުރަށް ވިދާޅުވީ މި ވިޔަފާރިއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ވެސް ލިބިދޭ ފުރުސަތަކީ ގެސްޓް ހައުސް އިމާރާތެއް އެޅުމުގެ ހަރަދު ސަލާމަތް ކުރެވި، ރަށުގެ ތެރޭ މިހާރު ވެސް އެޅިފައި ހުރި ގެތަކުން އެކި ކޮޓަރި ކުއްޔަށް ނަގައިގެން އެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.