ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ނުލިބޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ވެއްދި ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރުގެ (ޕީއެލްސީ) ބުނީ އެމައްސަލައަކީ ސިވިލްސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 489 މުވައްޒަފުންނާއި އެ މުވައްޒަފުން ނިސްބަތްވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ރައްދުވާ ފަރާތްތަކަކީ ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފިނޭންސް ކަމަށް ޕީއެލްސީން ބުނެއެވެ.

ޕީއެލްސީން ބުނީ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާއަށް ނިސްބަތްވާ ސިވިލް ސާވިސް މުވައްޒަފުން މި މައްސަލާގައި ހިމެނޭ ކަމަށެވެ.

މިއަދު މި ހުށަހެޅި މައްސަލައަކީ، 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ސިވިލް ސާވިސްގެ ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައިވަނީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށް ޕީއެލްސީން ބުނެއެވެ.

އެކަމަކީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުންކަމަށްވާތީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޛުކުރުމަށް ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފިނޭންސާއި ކަމާގުޅޭ ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށް ވެސް ޕީއެލްސީން ބުނެއެވެ.