މަސްތުވާތަކެތި ނައްތާލުމަށްޓަކައި މިއަދު ފަށާފައިވާ މަސައްކަތަކީ، މީގެ 50 އަހަރުންސުރެ ފެށިގެންވެސް އޮތް މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބޮޑެތި މައްސަލަތަކުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށްޓަކައި މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު ސަރުކާރުން ފަށާފައިވާ މަސައްކަތަކީ 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށާއި، މި މައްސަލަ ދިގުލައިގެން ގޮސްފައި ވަނީ މަސްތުވާތަކެތި ނައްތާލުމަށްޓަކައި އެކި ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި އިޖުތިމާއީ ގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، މި މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި ފުލުހުން އެކަނި މަސައްކަތް ކޮށްގެން ނަތީޖާއެއް ނުނެރެވޭނެ ކަމަށާއި، މި މައްސަލައަށް ހައްލެއް ގެނެވޭނީ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

"މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ދައުލަތުގެ ގުޅުން ހުރި ވަރަށް ގިނަ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ. އޭގެ ތެރެއިން އެއްވެސް ދިމާލަކުން އެންމެ ރަނގަޅު ގޮތުގައި ކުރަންޖެހޭ މަސައްކަތް ނުކުރެވިއްޖެނަމަ، މި މައްސަލައަށް ހައްލެއް ހޯދުމަކީ ދަތިކަމެއް."
މިނިސްޓަރު އިމްރާން

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތުގައި މުއައްސަސާތަކުގެ އިތުރުން، ރައްޔިތުންނާއި އާއިލާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އެ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ މުޅި މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފައެވެ.