އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖީލިހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ނިންމި ނިންމުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެންޕީން ބުނީ، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ނިންމި މައިގަނޑު އެއް ސަބަބކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި އެފަދަ އެހެނިހެން މައްސަލަތައް ތަހްގީގުކޮށް އިންސާފު ގާއިމްކޮށްފައި ނުވުމުން ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތް ފަދަ މައްސަލަތައް ބެލުމަށްޓަކައި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފައްދަވައި އޭސީސީއަށް ނުލިބޭ ބޮޑެތި ބާރުތަކެއް ދީފައިވާ އިރު، ކުރީ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތް ކަމަށް ބުނެ، ހަމައެކަނި އޭސީސީގެ މެންބަރުން ޒިންމާދާރު ކުރުވުމަށް މަގާމުން ވަކި ކުރުމަށް ނިންމުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް އެންއެންޕީން ބުނެއެވެ.

ހަމައެއާއެކު އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި "އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާމެދު އަމަލުކުރަމުންދާ ގޮތުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ކަންކަމަށް ކޮމިޓީން އަލިއަޅުވާލާފައި ވާއިރު، އެ ރިޕޯޓަށް ބަލާފައި އޭސީސީގައި މިހާރު ތިބި މެންބަރުން އޭގެ ޒިންމާ ނެގުމަކީ ފެންނަ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. ސަބަބކީ އެ ރިޕޯޓަކީ 2015 ވަނަ އަހަރުން ފެށިގެން 2020ގެ ޖުލައި މަހުގެ ނިޔަލަށް އެ ކޮމިޝަނުގެ މަސައްކަތތްކަުގެ މައްސަށް އަލިއަޅުވާލާ ހަޑާފައި ރިޕޯޓަކަށް ވާއިރު މިހާރު އެ ކޮމިޝަންގައި ތިބި މެންބަރުންނަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އައްޔަން ކުރި މެންބަރުންނަށް ވާތީ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި އޭސީސީ ފަދަ ގާނޫނު އަސާސީން އުފައްދާފައިވާ މުހިންމު ކޮމިޝަނެއްގެ ހުރިހާ މެންބަރުން ވަކިކުރަން ވާނީ، އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ދިރާސާކޮށްގެން ކަމަށާއި އެ ކޮމިޝަންގެ ތިން މެންބަރުން ޖަވާބުދާރީވުމުގެ ގޮތުން އެކަށީގެންވާ ވަގުތު ދީފައި ނުވާ ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮތް ދުވަސްތަކެއްގައި، ދައުރުން ބޭރުން ޖަލްސާތައް ބާއްވާ އެ ކޮމިޝަނަށް އަލުން މެންބަރުން އައްޔަން ކުރުމަކީ އެކަމަށް ދިގު މުއްދަތެއް ހޭދަވާނެ ކަމެއް ކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުނެއެވެ. ގާނޫނުއަސާސީން އުފައްދާފައިވާ މިފަދަ މުހިންމު މުއައްސަސާއެއްގެ މަސައްކަތްތައް ހުއްޓި، އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދިއުމަކީ އެކަމުގެ ސަބަބުން ގާނޫނީ އިތުރު މައްސަލަތަކެއް ދިމާވާނެކަމެއް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އެހެންކަމުން މި ކަމުގައި މިކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކުން ޒިންމާދާރު ކަމާ އެކު އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އޭސީސީ ފަދަ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވެނީ ކީއްވެތޯ ބަލައި، އެ ކޮމިޝަންތަކުން މިނިވަންކަމާއި އިންސާފުވެރިކަމާއި އެކު، ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތަކާއި ބަޖެޓާއި ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.