ކޮވިޑު-19 ގެ ވެކްސިން ފުރިހަމަ ވެފައި ނުވާ، ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު، ކަރަންޓީނު ވާން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ސާސްކޯވީ-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން ވަކިގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިން ހިމެނޭގޮތަށް) ރާއްޖެއަށް ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުން. (މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައިދަތުރުކުރާ އެއް އަހަރުން ދަށުގެ ތުއްތު ކުދިން ޕީސީއާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެ) އެވެ.
  • ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން.
  • ކޮވިޑު-19 ގެ ވެކްސިން ފުރިހަމަވެފައިނުވާ، ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން (މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެ) އެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

އެޗްޕީއޭއިން ވަނީ އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހާ އިދާރާތަކާއި ފަރާތްތަކަށް އަންގާފައެވެ. އަދި މި އިއުލާނާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މި އިއުލާނަށް އަމަލުކުރަން ފެށުމުން، ސާސްކޯވީ-2 ވައިރަސްގެ "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ގައުމުތަކުން ދިވެހިރާއްޖެއަށް ދަތުރުކުރުމާ ގުޅޭގޮތުން މިދިޔަ މަހު 27 ވަނަ ދުވަހު އާންމުކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.