ފުޓްބޯޅަ ކްލަބްތަކުން މީޑިއާއަށް އިހްތިރާމް ކުރާއިރު މީޑިއާތަކުން ވެސް އެ އިހްތިރާމް ކްލަބްތަކަށް ކުރަން ޖެހޭ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް މިހެން ވިދާޅުވީ، ފުޓުބޯޅަ އަށް ގެއްލުންވާ ގޮތަށް ހަބަރު ލިޔާ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަނުގެ ހަތް ކްލަބަކުން "މިހާރު" ނޫސް ބޮއިކޮޓް ކޮށްފައި ވަނިކޮށެވެ.
ބައްސާމް ވިދާޅުވީ، ކްލަބްތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި ބަދަ ކަމަށާއި އެމީހުންގެ އިހްލާސްތެރި ކަމާއި، ދަތި އުނދަގުލުގައި ވެސް ކްލަބްތައް ފުޓުބޯޅައަށް ވާ ގުރުބާނީ އާއި އުފުލާ ތަކްލީފުގެ އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި ފުޓްބޯޅާ ކްލަބްތަކާއި އެ މީހުންގެ އާއިލާތަކަކީ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ބައެއް ކަމަށް ބައްސާމް ވިދާޅުވިއެވެ.
ނަމަވެސް ނޫސްވެރިންގެ ބައެއް ބައްދަލުވުން ތަކުގައި، ކްލަބްތަކަކީ ގޭންގުތަކެއްގެ ގޮތުގައި ސިފަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައްސާމް ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވީ، ކާކު ދިން ޕްރެސްކޮންފަރެންސް އަކަށް އިޝާރާތް ކުރައްވާ ކަމެއް ވިދާޅެއް ނުވެއެވެ. ފުޓްބޯޅަ އާއިލާ އާއި ކްލަބްތަކުން އަބަދުވެސް މީޑިއާ އަށާއި ނޫސްވެރިންނަށް އިހުތިރާމް ކުރާ ކަމަށާއި ހަމަ މީޑިއާތަކުން ވެސް އެމީހުންނަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ފުޓްބޯޅަ ކުރިއެރުމަށް ޓަކައި ތަފާތު ކުރުން އެއްފަރާތް ކޮށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ އުންމީދު ކުރައްވާ ގޮތް ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.
ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓް ކުރި ކަމަށް ބެލެވޭ އެއް ސަބަބަކީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައި ވާ ހާމިދު އަބްދުލްގަފޫރު، ކްލަބްތަކާއި އެފްއޭއެމް ހިންގާ ގޮތާމެދު "މިހާރު" ނޫހުގައި ލިޔުއްވާ ކޮލަމްގައި ފާޅުކުރައްވާފައިވާ އަމިިއްލަ ހިޔާލާ ގުޅިގެންނެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗުތަކުގެ ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑިއާ އަށް މައުލޫމާތު ދިނުމަކީ ކްލަބްތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެންވެ، ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވުމަކީ އެ ކްލަބްތަކުން ގަވާއިދާ ހިލާފުވުމެވެ. އެހެންކަމުން އެފްއޭއެމްއިން ވަނީ ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ.
ކްލަބްތަކުން މީޑިއާއެއް ބޯއިކޮޓް ކުރި މައްސަލަ ފެންމަތިިވުމާ ގުޅިގެން އެޑިޓަރުންގެ ޖަމްއިއްޔާއިން ވަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރެ އެކަން ބަދަލުކުރުމަށް ގޮވާލާފައެވެ.