"އިންޑިޔާ އައުޓު" ހަރަކާތުން ދިގުމުއްދަތެއްގެ ގެއްލުންތަކެއް ގައުމަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީ ތާއީދު ނުކުރާނެ ކަމަށެވެ.

ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިން ބޭތިއްބުމާއި، އަދި ދިވެހި ގައުމުގެ އެއްވެސް މިންވަރެއް މިލިޓަރީ ބޭނުމަށް ބޭރުގެ އެއްވެސް ގައުމަކަށް ދިނުމަކީ ގާނޫން އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންމެނުވީ އެއްވެސް ވެރި ކަމަކަށް ކުރެވޭނޭ ކަމެއްނޫންކަން 2008 ގައި ތަސްދީގު ކޮށް އަމަލުކުރަމުންމިދާ ގާނޫނޫ އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީން އިތުރަށް ބުނީ، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް މިލްކުކޮށްނުދިނުމާއި، އަސްކަރީ ބޭނުންތަކަށް ދިނުން، މި އަރިމަތީ ސުރުހީގެ ދަށުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫން އަސާސީގެ 251 ވަނަ މާއްދާގެ (ނ) ގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެއެވެ" ކަމަށް ކަމަށެވެ.

7 އޯގަސްޓް 2008 ގެ ޤާނޫން އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި 17 ވަނަ މަޖިލީހުން ފެށިގެން، މިހާރު ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ( އެއްވެސް ގައުމަކަށް / އެއްވެސް ގައުމެއްގެ އަސްކަރިއްޔާ އަށް) ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހިފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ގާނޫނީ ހަމައެއް އޮތްކަމަކަށް ޖުމްހޫރީ ޕާޓީއަކުން ނުދެކެމެވެ.
ޖޭޕީ

ޖޭޕީން ބުނީ، ދޭދޭ ގައުމުތަކުގެ މެދުގައި އުފައްދާ " ބައިލެޓްރަލް" ގުޅުންތަކުގެ ތެރެއިން، ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ތައުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައާއި، ކާރިސާތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކަށާއި، ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވެ ދިނުމަށް ހިންގޭ ހަރަކާތްތައް ހިންގުމަކީ ދެގައުމަށް ފައިދާ ލިބޭ ކަމެއް ކަަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި، ބައިނަލް އަގްވާމީ ގާނޫންތަށް ތަންފީޒުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކި އެކި ހަރާކާތްތަކާއި، ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާއި ގުޅިގެން ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެފަރާތަށް ފައިދާ ލިބޭ ކަމެއް ކަމަށް ވެސް ޖޭޕީން ބުނެއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަހައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތައް ބަލައިގެންފައިވާ ކަމަށް ވެސް ޖޭޕީން ބުނެއެވެ.

ޖޭޕީން އިތުރަށް ބުނީ، މިފަދަ ބޭނުމަކު "ހަތިޔާރު" ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއް ކަމަށެވެ.

އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއް ކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތް ކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީން ބުނީ، "އިންޑިޔާ މިލިޓަރީ އައުޓް" އާއި އެކު އެކު ހެން އެންމެ އާންމު ކޮށް ދެން ފެންނަ އަނެއް ކެންޕޭނަކީ "އިންޑީޔާ އައުޓް" ކެމްޕޭނެއް ކަމަށާއި ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގެ ދެބަސް ނުވެވޭ ހަގީގަތަކީ، ހުރިހާ ގައުމަކުންވެސް އެ ގައުމެއްގެ އަވަށްޓެރި ގައުމުތަކާއި، ކުދި ބޮޑު އެންމެހާ ގައުމުތަކާ އެކުވެސް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމެއް ކަމަށެވެ.

ދިވެހިރާއްޖެ އަކީ ގުދުރަތީ ވަސީލަތްތައް މަދު، ބޭރުގެ އިންޕޯޓުގެ މައްޗަށް ވަރަށްބޮޑަށް ބަރޯސާވާން ޖެހޭ ގައުމަކަށް ވެފައި، ބޭރު ދުނިޔެއާއި ވީހާވެސް އޮމާން އަމާން ގުޅުމެއް ގާއިމުކޮށްގެން ތިބުމަކީ ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުވެފައި އޮތުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ އޮމާން މަގު ކަމުގައި ޖުމްހޫރީ ޕާޓީން އަބަދުވެސް ގަބޫލު ކުރާ ކަމަށް ޖޭޕީން ބުނެއެވެ.

ޒަމާނުއްސުރެ ގާތް އެކުވެރި ގައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިސްބަތްކޮށް "އިންޑިޔާ އައުޓް" އޭ ގޮވުމަކީ މި ދެ ގައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހްމާލެއް ކަމުގައި މިފާޓީން ދެކެމެވެ. ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ ޢަމަލުތަކުން މި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެ ނޫންވެސް ޒާތީ އެކި އެކި މުއާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ، ޖުމްހޫރީ ޕާޓީ އިންތިހާއަށް ކަންބޮޑުވަމެވެ.
ޖޭޕީ

ޖޭޕީން ބުނީ، "އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހި ގައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫން ކަމަށެވެ.

އިހްލާސްތެރިކަމާއި އެކު އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ގާނޫނު އަސާސީ އަށް ތަބައަވުމާއި، ދިވެހި ގައުމުގެ ސަލާމަތާއި، އިސްތިގްލާލް ނަގަހައްޓާ ދެމެހެއްޓުމުގައި ފާރަވެރިއެއް ގެ ގޮތުގައި ކަން އެންމެހާ ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށް އެޕާޓީން ބުނެއެވެ.