ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ދައުވާކުރި ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ ބޭސްފަރުވާގެ ކަންކަން ނިންމަން 7 ދުވަސް ދީފިއެވެ.

އަނަސްގެ މަރާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން ޖުނައިހު އެދިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަމަށް މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ އޭނާގެ ހިއްސަކަށް އުނިކަން ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ޑޮކްޓަރުން އޭނާ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ޖުނައިހުގެ ލޮލަށް ދިމާވެފައިވާ މައްސަލައަށް ފަރުވާ ހޯދަން ބޭރަށް ދިއުމާމެދު މިހާތަނަށް ގޮތެއް ނުނިންމެއެވެ. ގޮތެއް ނުނިންމި ދިގުލައިގެންދާ ސަބަބަކީ ސިއްހީ ފަރުވާގެ ކަންކަން ނިންމާ މެޑިކަލް ބޯޑުގެ ކޯރަމް ހަމަނުވުމެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ ޖުނައިހުގެ ބޭސްފަރުވާގެ ކަންކަން ނިންމަން ދައުލަތަށް ދެއްވާނީ 7 ދުވަހުގެ ފުރުސަތެއް ކަމަށެވެ. އަދި އެ މުއްދަތުގައި އެކަމުގައި ގޮތެއް ނުނިމިއްޖެނަމަ ޖުނައިހު ބަންދުން ދޫކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަވެސް ދެއްވާނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް އަޑުއެހުމެއް ބާއްވާނެ ދުވަހެއް ތާވަލު ކޮށްފައިވެއެވެ. އެގޮތުން ތާވަލު ކޮށްފައި ވަނީ އެ އަޑުއެހުން އަންނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު ބޭއްވުމަށެވެ. އެދުވަހު ހެނދުނު 9 ޖަހާއިރު ޝަރީއަތުގެ އަޑުއެހުން ފަށައި ހުރިހާ ދިފާއީ ހެކިންގެ ހެކިބަސް ނަގައި ނިންމައިލާނެ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިމައްސަލާގައި އޭރު 17 އަހަރުގެ ކުޑަކުއްޖާއަށް މިހާރު 20 އަހަރު ފުރިފައިވާއިރު ދައުލަތުން ހުށަހަޅާފައި ވާ ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން، ހާދިސާ ހިނގި ވަގުތު އެކުއްޖާ އެ ތަނުގައި ހުރިކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ މި އަހަރު ތެރޭގައި ހުކުމް ކޮށްފައެވެ.