ޖުމްހޫރީ މައިދާނުގައި މިރޭ ބާއްވާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއަށް ވިނަގަނޑު މަތީގައި އެއްޗެހި ބެހެއްޓުމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފިއެވެ.

މުއިއްޒު ވިދާޅުވީ، ވިނަގަނޑު ހެދެން ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ރަނގަޅަށް ނުހެދެނީސް އެއްޗިހި ވިނަގަނޑުމަތީގައި ނުބެހެއްޓުމަށް ހޯމް މިނިސްޓްރީ އާ އެކު ބޭއްވި ބައްދަލުވުމުގައި ތަކުރާރުކޮށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

"އެއްވެސް ބެލުމެއްނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން" މުއިއްޒު ވިދާޅުވިއެވެ.

މިއަދު ހެނދުނު މުއިއްޒު ކުރެއްވި ޓްވީޓުގައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ބާއްވާ ޖަލްސާއަށް ތައްޔާރު ކޮށްފައިވާ ސްޓޭޖު ހުރީ ވިނަގަނޑަށް ވާ ގޮތަށް ބަހައްޓާފައެވެ. ހަމަ އެއާއެކު ޖަލްސާއަށް ގެނެސްފައި ހުރި ބައެއް ސާމާނުތައްވެސް ހުރީ ވިނަގަނޑު މަތީގައި ބަހައްޓާފައެވެ.

ޖުމްހޫރީ މައިދާނުގައި މިރޭގެ ޖަލްސާއަށް ތައްޔާރުކުރި ސްޓޭޖުގެ ބައެއް ވިނަގަނޑު މަތީގައި / ފޮޓޯ: ޑރ. މުއިއްޒު

މިކަމާ ވިދިގެން ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ދައްކުވައިދޭ މުހިންމު ސަރަހައްދެއް ނަމަވެސް، ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރުވެސް، އެތަނުގެ އާބާތުރަ ފިލުވަން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، ބޮޑު ހަރަދެއް ކޮށް އެ މަސައްކަތް ކުރަމުން ދަނީ ކައުންސިލުން ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ 16 ގައި ވިނަ އިންދުމުގެ މަސައްކަތް ފަށައި، އެއް މަސްދުވަހުގެ ތެރޭ މަސައްކަތްތައް ނިންމާލުމަށް ފަހު ވިނަގަނޑު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ތިން ހަފްތާ ވަންދެން ވިނަގަނޑުގެ ބޭނުން ނުކުރުމަށާއި ވިނަގަނޑު ހެދެން ވަގުތު ބޭނުންވާނެ ކަމަށް ހޯމް މިނިސްޓްރީ އާ ކުރެވުނު މަޝްވަރާތަކުގައި ހިއްސާކުރެވިފައި ވާނެ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް ލިޔުމަކުން އަންގާފައިވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އެހެންކަމުން، ކައުންސިލުން އެދުނީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ އިސްލާމީ މަރުކަޒުގެ މާބަލް ޖެހި ސަރަހައްދުގައި ބޭއްވުމަށެވެ. އަދި އެކަން އެގޮތަށް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީގައި ބުނެފައިވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ނަމަވެސް، ހޯމް މިނިސްޓްރީން ކައުންސިލްގެ އެންގުމާ ހިލާފަށް ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުން ވާނެ ގޮތަކަށް އަމަލުކޮށްފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ކައުންސިލުން ބުނެފައިވެއެވެ.