ރ. ކަނދޮޅުދޫ އޭ ބުނުމުން ކޮންމެ މީހެއްގެ ހިތާ ސިކުޑިއާ ކުޅެލާނީ ހަމަ އެންމެ ލަފްޒެކެވެ. އެއީ ސުނާމީއެވެ. މީގެ 17 އަހަރު ކުރީގެ ވާހަކަތަކެކެވެ. ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެން އޭގެ އަސަރު ރާއްޖެއަށް ވެސް ކުރިއިރު، އަމިއްލަ ގެދޮރާއި އުފަން ރަށް ދޫކޮށް ދާން ޖެހުނު ހިތި ތަޖުރިބާ ކުރި އެތަށް ބަޔަކު މި ރާއްޖޭގައި އުޅޭނެއެވެ. އަދި އެ ދުވަހު ކަން ހިނގިގޮތް، އެ އިހުސާސްގައި، އެ ޖަޒުބާތުގައި އެ ދުވަހުގެ ބިރުވެރިކަމާއި ނާމާން ކަމުގެ ވާހަކަ ދައްކާ މީހުން މަދެއް ނޫނެވެ. އެ ދުވަހުގެ ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް އެކި ވަރުގެ ގެއްލުން ލިބުނު އިރު ކަނދޮޅުދޫ އަކީ، އެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ރަށެކެވެ.

ސުނާމީ ކާރިސާ ހިނގި އިރު 3000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަނދޮޅުދޫ އަށް ބޮޑު 2 ރާޅެއް އަރާ ތިން މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 އަންހެނަކާއި ފިރިހެނެކެވެ. އޭގެ ތެރެއިން އެކަކު ދުނިޔެ ދޫކުރީ 4 އަހަރުގެ ދަރިފުޅު ގޮވައިގެން އުޅުމުގެ ތެރޭގައި އައި ދެވަނަ ރާޅާއެވެ. އެހެންނަމަވެސް 4 އަހަރުގެ އެ އަންހެން ދަރިފުޅު ވަނީ ﷲ ގެ ރަހުމަތްފުޅާއެކު ސަލާމަތް ވެފައެވެ.

ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށް ކަމުގައިވާ ރ. ކަނދޮޅުދޫގެ މިހާރުގެ ފޮޓޯއެއް / ފޮޓޯ: ސޯސަލް މީޑިއާ

4 އަހަރުގެ ކުއްޖާގެ އުމުރުން މިހާރު 21 އަހަރު

އޭރު 4 އަހަރު ކަމުގައިވިޔަސް އެ ދުވަހުގެ ހަނދާންތައް ހުރި ވަރަކުން އެ އިހްސާސްތަކާއެކު "ދަ ޕަރެސް" އަށް ކިޔައިދެމުން އެ ޒުވާން އަންހެން ކުއްޖާ ބުނީ ފުރަތަމަ ރާޅު އަރައިގެން ގެއަށް ފެން ވަދެ، ޖޯލިފައްޗާއި އެހެނިހެން އެއްޗެހި އަރިއަޅާލާފައި ހުރުމުން އެ ކަންކަން ހަމައަކަން އެޅުވުމުގައި މަންމަ މަސްއޫލުވެގެން އުޅުނު ކަމަށާއި ޖޯލި ފަތި ރަނގަޅުކޮށް، އޭނާ އެ ޖޯލިފަތީގައި ބައިންދާފައި، ޓީވީ ރައްކާކުރަން މަންމަ އުޅުނު ކަމަށެވެ.

ސުނާމީ އަރާ ސުންނާފަތި ވި ރަށެއްގައި މާޔޫސްވެފައި އިން ދިވެއްސެއް ---

ކަނދޮޅުދޫގައި އެ މީހުން ދިރިއުޅުނު ގެ ހުންނަނީ ގޮނޑުދޮށާއި މާ ދުރުނޫން ހިސާބެއްގައި ކަން ފާހަގަ ކުރަމުން އެ އަންހެން ކުއްޖާ ބުނީ ދެވަނަ ބޮޑު ރާޅު އެރި ވަގުތު މަންމަ ހުރީ އޭނާ އުރައިގެން ކަމަށާއި އެ ރާޅާއެކު ވަޅެއްގެ ތެރެއަށް ވެއްޓުނު ކަމަށެވެ. އަދި އެ ވަޅުން އޭނާ ގޮވައިގެން މަންމަ ތެދުވި ހަނދާން ވެސް ހުންނަ ކަމަށްވެސް އޭނާ ކިޔައިދިނެވެ.

"އެ ރާޅާ މަންމައާއެކު ވަޅަކަށް ވެއްޓުނު ހަނދާންވޭ އަދި އެ ވަޅުން ތެދުވި ހަނދާނެއްވެސް ވޭ"
ސުނާމީ ކާރިސާގައި ސަލާމަތްވި އޭރު 4 އަހަރުގެ ކުއްޖާ

އޭގެފަހުން ކަން ހިނގާ ދިޔަގޮތް "ދަ ޕްރެސް" އާ ހިއްސާ ކުރީ މަރުވެ ދިޔަ މަންމައާއެކު އެވަގުތު ހުރި 4 އަހަރުގެ ކުއްޖާގެ ދައްތައެވެ. ދައްތަ ކިޔައިދިން ގޮތުގައި ފުރަތަމަ ރާޅު އެރިއިރު އޭނާ ހުރީ މަންމައާއެކު ކަމަށާއި އެހެންނަމަވެސް ފުރަތަމަ ރާޅާއެކު ރަށު ތެރެޔަށް ވަދެގަތް ލޮނުގަނޑު ކޮންމެވެސް ވަރަކަށް މައިތިރި ވުމުން ދެން ދިޔައީ ފިރިމީހާގެ ގެޔަށް ދާން ކަމަށެވެ. ފިރިމީހާގެ ގެއަށް ގޮސް، ރާޅުގައި ތެމުނު ބާލީސްތަކާއި ގޮދަޑި ދޮވުމުގައި ދަރިފުޅާއެކު އުޅުނު އިރު ދެވަނަ ބޮޑުރާޅެއް އަރާފާނެ ކަމުގެ އިހުސާސް ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

ހިމާޔަތް ހޯދި މިސްކިތާއި މަންމަގެ މަރު

އެ ކާރިސާ ހިނގައި މުޅި ރަށް އެއްކޮށް ދޮވެލި އިރު އެ ރަށުގެ ރައްޔިތުންނަށް ހިމާޔަތް ލިބުނީ އެ ރަށުގެ މިސްކިތުންނެވެ. ރަށުގެ އެންމެ ވަރުގަދަ އިމާރާތްތަކާއި މިސްކިތް ކައިރީގައި ހުރި، އިމާތާތްތައް ވެސް ބިމާ ހަމަވެގެން ދިޔަ ނަމަވެސް އެއްވެސް އަސަރެއް ނުކޮށް ސަލާމަތްވީ މިސްކިތެވެ. އެ ރަށުގެ ރައްޔިތުން ފަދައިން އޭނާވެސް މިސްކިތަށް ހިމާޔަތަށް އެދި ދިޔައިރު އޭނާވެސް ދަރިން ގޮވައިގެން ދިޔައީ މަންމަ އާއި ކޮއްކޮވެސް އެތާ ހުންނާނެ ކަމަށެވެ. މިސްކިތާ ހަމަޔަށް ދެވުނުތަނާ ކޮއްކޮ އާއި މަންމަ ކޮބައިތޯ މީހުން އަހަމުން ދިއުމުން މަންމަ އެތަނުގައި ނެތްކަން އޭނާއަށް އެނގުނެވެ.

ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށް ކަމުގައިވާ ރ. ކަނދޮޅުދޫގައި ހުރި މިސްކިތް މިހާރުވެސް އެ ގޮތުގައި / ފޮޓޯ: ސޯސަލް މީޑިއާ

މަންމަ އާއި ކޮއްކޮ ރާޅާއެކު ގޭތެރެއަށް ދަމައިގަންތަން ފެނުނު ކަމަށް އެތަނުން މީހަކު ބުނުމުން، މަންމަ އާއި ކޮއްކޮ ވީތަނެއް ބަލައިދިނުމަށް އޭނާ އާދޭސް ކުރަމުން ދިޔައެވެ. އަދި އެ ގެ ހުންނަ ސަރަހައްދު ބެލި ކަމަށާއި މަންމަ އާއި ކޮއްކޮގެ ހިލަމެއްވެސް ވާން ނެތްކަމަށް އެމީހުން ބުނުމުން ހުރެވުނު ތަންވެސް ނޭނގުނު ކަމަށް ދައްތަ ބުންޏެވެ. ދައްތަ ބުނީ އަނެއްކާވެސް އެހެން ބައެއްގެ ކައިރީ، ރޮމުން އާދެސްކޮށްފައި މަންމަ އާއި ކޮއްކޮ ވީތަނެއް ބަލައިދިނުމަށް އެދުމުން އެކުދިންވެސް އައިސް ދިނީ ހަމަ އެ ޖަވާބު ކަމަށެވެ.

"އަހަރެންގެ ދައްތައެއްގެ ފިރިމީހާ އަހަރެންގެ މަންމަ ނިޔާވިކަމުގެ ހަބަރު ދިނީ. އަހަންނަށް އެވަގުތު ހުރެވުނީ އެމީހާގެ މޫނަށް ބަލަހައްޓައިގެން ހުއްޓިފައި. އެވަގުތު އަހަންނަ ވީގޮތެއްވެސް ނޭނގުނު. އަހަންނަށް އެވަގުތު ބާރުބާރަށް ރޮވުނު. އޭރު 4 އަހަރުގެ ކޮއްކޮ އުނގޫފާރަށް ގެންދިޔުމަށްޓަކައި ހަވާލުވުމަށް ލޯޑުން ގޮވަމުން ދިޔައަޑު އިވޭ"
ސުނާމީ ކާރިސާގައި ސަލާމަތްވި ކުޑަކުއްޖާގެ ދައްތަ

މަންމަ އާއި 4 އަހަރުގެ ކޮއްކޮ ފެނުނު އިރު އެ މީހުން ދިރިއުޅެމުން ދިޔަ ގެ، އެ މީހުންގެ ގައިމައްޗަށް ވެއްޓި ބަރޯފަދަ އެތައް އެއްޗެއްސެއް ވަނީ އެ މީހުންގެ ގައިމަތީގައެވެ. އެ ދެމައިން ފެނިފައި ވަނީ ހޯދަމުން ދަނިކޮށް މަންމަގެ އަތްދަނޑި މައްޗަށް 4 އަހަރުގެ ދަރިފުޅު ލައިގެން އޮއްވައެވެ. 4 އަހަރުގެ ދަރިފުޅު ހޭނެތިފައި އޮތް އިރު މުޅިގައި ވަނީ ކިސަނޑުން ތަތްތެޅި ވަރަށް އަނިޔާވެސް ވެފައެވެ. ފުރަތަމަ އެންމެން ވެސް ހީކުރީ އެ ކުއްޖާވެސް އޮތީ މަރުވެފައި ކަމަށައި އަދި ހިނަވަން އުޅުނު ކަމުގެ އަޑުތައްވެސް ފެތުރުނު ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

ސުނާމީ އެރި ރަށަކަށް އޭރުގެ ރައީސް މައުމޫން ވަޑައިގަތުން ---

މަންމަގެ މަރާއި ވަޅުލުން ހިނގައި ދިޔަ ގޮތް ކިޔައި ދެމުން އޭނާ ބުނީ، އޭނާގެ ފަސް މަހުގެ ދަރިފުޅަށް ހެދުމެއް ހޯދަށް ގެއަށް ގޮސް އެ އެއްޗެހި ނަގައިގެން ހިނަވާގެއަށް ދިޔައިރު މަންމަ މޫނުވެސް ނުފެނި މަންމަ ވަޅުލައިފި ކަމަށެވެ. ދައްތަ ބުނީ އޭނައަށް މޫނު ނުދައްކާ މަންމަ ވަޅުނުލުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް އެދުވަހު ރަށުގެ ހާލަތު ހުރި ގޮތުން އެކަން އެގޮތަށް ނުވީކަމަށެވެ.

"އަހަންނަށް އެމަންޒަރު ފެނުނު މީހަކު މައުލޫމާތު ދިންގޮތުގައި ކޮއްކޮ އޮތީ މަންމަ ނިޔާވެފައި އޮތްއިރު މަންމަގެ އަތްދަނޑިމަތީގައި. މަންމަ ނިޔާވެފައި އޮތީ ގޭގެ ކޮޅުގައި ހުންނަ ހިތިގަހާއި ލައްގާފައި އޮތް ބަރޯ އަދި އެތަނުގައި ހުންނަ ފުޅައްގަނޑު ވެއްޓިފައި އޮތުމުގެ ސަބަބުން އެއިން ތަނެއްގައި ތާށިވެގެން،"
ސުނާމީ ކާރިސާގައި ސަލާމަތްވި ކުޑަކުއްޖާގެ ދައްތަ

ކަނދޮޅުދޫ ހުސައިންބެއަށް ފެނުނު މަރު

ސުނާމީގެ އެ ހިތްތަދި ނާމާން ދުވަސް އިއްޔެ ވީ ކަމެއްގެ ފަދައިން "ދަ ޕްރެސް" އަށް ކިޔައިދެމުން ކަނދޮޅުދޫ ހުސައިން މުހައްމަދު (ހުސައިންބެ) ބުނީ ފުރަތަމަ ރާޅު އެރިއިރު ހުރީ ކަނދޮޅުދުއާ ކައިރީގައި އޮންނަ ބަނޑަވެރި ނަމަކަށް ކިޔާ ފަޅު ރަށެއްގެ ވަޒީފާގައި ކަމަށާއި، އެތާ އުޅޭ ބޭރު 2 މީހަކު އައިސް ކަނދޮޅުދޫ ނުފެންނަ ކަމަށް ބުނި ކަމަށެވެ.

އޭއާއެކު އޭނާ ބަލައިލި އިރު، އަޖައިބު ވެގެން ދިޔަ ކަމަށާއި ބަނޑަވެރިއާއި ކަނދޮޅުދުއާ ދޭތެރޭ އޮންނަ ބޮޑު ކަނޑުވެސް އޮތީ އެއްކޮށް ހިކިފައި ކަމަށް ހުސައިންބެ ބުންޏެވެ.

ހުސައިންބެ ބުނީ ދުވެފައި ކަހަލަ ގޮތަކަށް ރަށަށް ދާން ދަނިކޮށް ކަނޑާ ހިސާބުން އަނެއްކާވެސް ދެވަނަ ރާޅަކަށް ތައްޔާރުވާހެން ހީވެގެން ބަނޑަވެރިއާ ދިމާލަށް އަނބުރާލި ކަމަށާއި ދެން އެ ރަށުގައި އޮތް ލޯންޗަކަށް އަރާ ރަށަށް ދާން ދިޔައީ ކަމަށެވެ. އަދި ރާޅު ބޮޑުވެފައި އޮތުމުން ލޯންޗުގެ ނަގިލިލާން ޖެހުނީ ކަނދޮޅުދޫ ރަށު ތެރޭގައި ހުންނަ ފިހާރައެއްގެ ކައިރިއަށް ކަމަށް ހުސައިންބެ ބުންޏެވެ.

ސުނާމީ އަރާ ސުންނާފަތިވެފައި އޮތް ރަށެއް / ފޮޓޯ: ސޯޝަލް މީޑިއާ
"ލޯންޗަށް އަރާފާ ރަށާ ދިމާލަށްދާން ވެގެން ގޮސް ފަ ރަށުގެ ޖެޓީއަށް ވުރެ މައްޗަށް ރާޅު އަރާފާ ހުރީ އެހެންވެ ލޯނޗުގެ ނަގިލި ލާން ޖެހުނީ ރަށު ތެރޭގައި ހުންނަ "ފެހިވިލާ މާޓް" ކިޔާ ފިހާރަ ކައިރިއަށް"
ކަނދޮޅުދޫ ހުސައިން މުހައްމަދު (ހުސައިންބެ)

ހުސައިންބެ ކިޔައިދިން ގޮތުގައި 2 ވަނަ ރާޅު ރަށަށް އެރީ އުސް ވަމުން އުސް ވަމުން ކަހަލަ ގޮތަކަށް ގޮސް ރަށު ތެރެއަށް އޮއްސާލި ގޮތަށް ކަމަށެވެ.

ހުސައިންބެ ބުނީ އެ ކާރިސާގައި ކަނދޮޅުދޫ އިން ދެން މަރުވި އަންހެން މީހާ މަރުވެފައި ވަނީ ހިތް ހުއްޓިގެން ކަމަށެވެ. އަދި އެ މަންޒަރު ގާތުން ދުން ކަމަށް ވެސް ހުސައިންބެ ކިޔައިދިނެވެ.

ކަނދޮޅުދޫން މަރުވި 3 ވަނަ މީހާ

އެ ކާރިސާގައި ދުނިޔެ ދޫކުރި ފިރިހެން މީހާގެ މައުލޫމާތު "ދަ ޕްރެސް" އަށް ހިއްސާ ކުރަމުން ފާތިމަތު މުހައްމަދުފުޅު (މަންޒަރު ދުށް އަވައްޓެރިއެއް) ބުނީ އެ ގެ ހުންނަނީ އަތިރިއާ އެންމެ ކައިރީގައި ކަމަށާއި އަތިރިމައްޗަށް ނުކުތް އިރު އެތާ ޖޯއްޔެއްގައި އެ ފިރިހެން މީހާ އޮތް ކަމަށެވެ. އެ ބޭބެ ކައިރީ އެއްގަމަށް ދާން އެދުނު ކަމަށާއި އެހެންނަމަވެސް އެ ހިސާބަށް ރާޅު ނުޖަހާ ކަމަށް އޭނާ ބުނިކަމަށް ބުންޏެވެ.

ފާތުމަތު ބުނީ އެ ބޭބެ އިން ޖޯލިފަތި ބަނޑުން ޖެހިތަން ފެނުނު ކަމަށާއި ދެން ބޭބެ އަށް އެ ވަގުތު ވީގޮތް ނޭނގޭ ކަމަށެވެ. އެ ވަގުތު ފާތުމަތު އަށް ސިފަވީ ޣަރަގު ކަނޑުގައި ނިމިދަނީ ކަމަށެވެ. އަދި އެ ވަގުތު ފާތުމަތު ނިމިދަނީ ކަމަށް ބަޔަކު ގޮވަމުން ދިޔަ ކަމަށާއި ދެ މީހަކު އައިސް އޭނާ ދޮރާއްޓެއް މައްޗަށް ލީ ކަމަށްވެސް ކިޔައިދިނެވެ.

ސުނާމީ އަރާ ރަށެއް ފެނުއަޑީގައި / ފޮޓޯ: ސޯޝަލް މީޑިއާ

އެ ދުވަހުގެ ކާރިސާގައި ކައިރީގައި ހުރި ވަޑާންގެތަކުގެ ޓިނުތަކުން ވަރަށް އަނިޔާ ލިބުނުކަން ފާހަގަ ކުރަމުން ފާތުމަތު ބުނީ ދަތް ދޮޅިއާއި އަރިކަށްޓާއި ފައިގެ ފަލަމަސްގަނޑު ކަފައިގެންގޮސް ލޭފައިބަމުން ދިޔައިރު ފައިވާނާއި ހެދުންވެސް އޮތީ އެއްކޮންހެން އިރައިގެން ގޮސްފައި ކަމަށެވެ. ފާތުމަތު ވާހަކަ ދައްކަމުން ދިޔަ ވަގުތު އަޑުގައި އުފެދިފާ ވަނީ އެ ދުވަހުގެ ހިތްދަތި ކަމަށާއި ބިރުވެރިކަމެވެ.

"ޓިނުތަކާ އެއްޗެހި އޮތީ ބޯމަތީގައި، ގިޔާމަތް މަހުޝަރު ކުރައްވާ ދުވަހު މީހުންބުނެއެއްނު ޣަރަގު ކަނޑުގައޭ ނިމިދަނީ. ދައްތައަށް އިހުސާސްވީ އެތަންކޮޅު. ފައިވާނެއްވެސް ނެތް. ހެދުންވެސް އޮތީ އެއްކޮށް އިރިފައި. އައުރަ ފޮރުވީ ހެދުމުގެ އެއްފަޅިން. ވަރަށް ލަދުވެސްގަތް."
ފާތިމަތު މުހައްމަދުފުޅު

ފާތުމަތު ބުނީ ޖޯލީގައި އެ ދުވަހު އޮތް ބޭބެ (އެ ފިރިހެން މީހާ) 2 މީހަކު ވެގެން ނަގައިގަނެގެން ދާތަން ފެނުނު ކަމަށާއި އޭނާގެ ކަނދުރާމަތިން ވެސް ލޭތަށް ފައިބާތަން ދުށް ކަމަށެވެ.

ފާތުމަތުމެން ގޭގައި ސޫފިލަނޑައަށް ދާ ދޯންޏެއް އޮންނައިރު އެ މީހުންނަކީ ފެށުނީންސުރެ މަސް ކައްކާ ބައެކެވެ. ފާތުމަތު ބުނީ އެ ދުވަހު 85،000 ރުފިޔާގެ މަހާއި ނެގިހާ ސޫފިލަނޑާވެސް ދިޔައީ ކަމަށާއި އެ މީހުންގެ ގެ ހުންނަނީ ގޮނޑުދޮށާއި އެންމެ ކައިރީގައި ކަމަށެވެ.

ސުނާމީ ކާރިސާގައި ސުންނާފަތިވެފައި އޮތް ރަށެއް / ފޮޓޯ: ސޯޝަލް މީޑިއާ

ސުނާމީއާއި ކަނދޮޅުދޫ ރައްޔިތުންގެ އިހުސާސް

އެ ދުވަހުގެ ހިތި މާޒީ މިއަދު އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު އެ ދުވަހު އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ރައްޔިތުންނަށް އެހީތެރިވި ކޮންމެ މީހަކަށް ވެސް އެ ކާރިސާއަކީ އިއްޔެ ވީ ފަދަ ކެމެކެވެ. އެ ހިތިކަން އަދި ވެސް އަރުތެރޭގައި ހުރި އިރު ސުނާމީ ކާރިސާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީ، އެތައް އަހަރެއް ފަހަތަށް ޖައްސާލި ކާރިސާއެކެވެ.

އެ ސުނާމީގައި ރާއްޖެއިން ޖުމްލަ 84 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފަވެ. އަދި 15،000 ދިވެހިގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ އަބާދީގެ 62 ޕަސެންޓް މީހުން، މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާ ކުރިމަތިލާފައި ވެއެވެ.

ކަނދޮޅުދޫގެ ރައްޔިތުން ބިން ބޮޑު ރ. ދުވާފަރަށް ބަދަލުކުރި ނަމަވެސް އަދިވެސް އެ ރަށުގެ ގިނަ ރައްޔިތުން ބުނަމުން ދަނީ އުޅެން ބޭނުން ވަނީ ކަނދޮޅުދޫގައި ކަމަށާއި އެ ރަށުން ލިބޭ ހިތްހަމަޖެހުން އެހެން ތާކުން ނުލިބޭ ކަމަށެވެ.

އެ ކާރިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ތެރެއިން އެއް ބަޔަކު މިއަދު ދިރިއުޅެނީ އެމީހުންގެ ވަޒަން ދޫކޮށް އެހެން ރަށްރަށުގައެވެ. އަނެއް ބަޔަކު އަމިއްލަ ވަޒަނުގައި ދިރިއުޅުނު ނަމަވެސް ކަނޑު ފެންނަ ކޮންމެ ފަހަރަކު ވެސް ހިތަށް އަންނަނީ މީގެ 17 އަހަރު ކުރީގެ ބިރުވެރިކަމެވެ. ގަޑިން 9:20 ހިނގާ ކޮންމެ ފަހަރަކީ އެ ރައްޔިތުންނަށް ސިހުން ގެނުވާ ކަމެއް ކަމަކަށް ވެސް ބުނެއެވެ.