2018 ވަނަ އަހަރުގެ އިންތިހާބަށާއި، އެއަށް ފަހު ބޭއްވި މަޖިލީހުގެ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވިކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރައްވައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ފ. ނިލަންދުއަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ، ބޭރުގެ ނުފޫޒަށް ޖާގަ ދީފިނަމަ، އެ ނުފޫޒަކުން ދެން ސަލާމަތް ނުވެވޭނެ ކަމަށެވެ.

"ބަޔަކު އަތުގައި ހިފައިގެން މިތަނަށް އައިސް، އެ މީހުން ބޭނުންވާ ކަންތައްތަކެއް ކޮށްދޭނަމޭ ބުނެ، އެ މީހުންގެ އެހީތެެރިކަމާ އެެކީ ވެރިކަމާ ހަމައަށް އާދެވުނީމާ ދެން ނެތެއްނޫންތޯ އެމީހުން ދޫކޮށްލާފައި ދެވޭކަށް؟ ދަންނަވަންތޯ، މިމީހުން ހަމަ މި މީހުންގެ އަނބިން ދޫކޮށްލިޔަސް އިންޑިއާ އަތުން ދޫކޮށްލެވޭނެ ގޮތެއް ނޯންނާނެ." ޔާމީން ވިދާޅުވިއެވެ.

ސަރުކާރާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން "ކަނޑުމަތި އެޅުން" ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ޔާމީން ވިދާޅުވީ، އެމްޑީޕީއަށް އިންޑިއާ ދޫކޮށްނުލެވިގެން އުޅެނީ، އެމަނިކުފާނުގެ ވެރިކަން ބަދަލުކުރަން 2018 ގެ ފެބްރުއަރީގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން ކަމަށެވެ.

ހަމަ އެހެންމެ، މި ސަރުކާރުން އިންޑިއާ އާ އެކު ގޮތް ނޭނގޭ އެތައް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުންތަކުގެ ހަގީގަތް ހާމަވެގެން އައިއިރު، އާންމުން ކަންބޮޑުވާ ކަންކަން ހުރިކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ދިމާލަކުން ބެލި ކަމުގައިވިޔަސް އިންޑިއާގެ ނުފޫޒު ފޯރަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިތަނުގަ މިތިބީ މަސްލަހަތު ހިމާޔަތްކުރަން އައިސް ތިބި ބައެއް ކަމަށް ވާނަމަ، އެ އެގްރީމެންޓުތަކުގައި އޮތީ ކޮން އެއްޗެއް ކަން ސަރުކާރަށް ބުނެދެވެން ވާނެ، ސަރުކާރުން ބުނީމަތާ ރައްޔިތުންނަށް އުފާވެރި މެސެޖުތަކެއް ލިބޭނީ. އެހާ ރަނގަޅު އެގްރީމެންޓުތަކެއް ކޮށްގެން، ރައްޔިތުންނަށް އެހާ ހެޔޮ އެދިގެން ކުރާ އެގްރީމެންޓްތަކުގެ އުފާވެރި ހަބަރު ދޭން ވާނެ." ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ޔާމީން ވިދާޅުވީ، އެގޮތަށް ލިޔެގެން ހުތުރުވަންޏާ އިންޑިއާގެ ނަމުގައި ޓީޝާޓުގައި ދިދަ ޖެހިދާނެ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ މިދިޔަ ހަފްތާ ބަންދުގައި ގުރައިދޫއާއި ތުލުސްދޫ ހިމެނޭ ގޮތަށް ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ. އެގޮތުން ތުލުސްދުއަށް ވަޑައިގެން ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.