ބަންގްލަދޭޝަށް ދަތުރުކުރާ ދިވެހިންނަށް އެގައުމުން އޮންއަރައިވަލް ވިސާ ދިނުމަށް ނިންމާފައިފިއެވެ.
ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ރައީސް ސޯލިހް ވަނީ ދިވެހިންނަށް ބަންގްލަދޭޝްއިން އޮންއަރައިވަލް ވިސާ އަދި ދަރިވަރުންނަށް ދިގު މުއްދަތަށް ސްޓޫޑަންޓް ވިސާ ހަމަޖައްސައިދިނުމަށް އެދިފައިވާކަން ހާމަކުރައްވާފައެވެ.
އެކަމާ ގުޅިގެން ޝައިހް ހަސީނާ ވިދާޅުވީ ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު މިހާރުވެސް ސީދާ ދަތުރުތައް އެގައުމުގެ އެއާލައިން ޔޫއެސް ބަންގްލާއިން ކުރަމުން ގެންދާ ކަމަށާއި އަދި ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ގައުމީ އެއާލައިންގެ ސީދާ ދަތުރުތައް ވެސް ފަށަން ތައްޔާރުވަމުން ދާކަމަށެވެ.
މީގެ އިތުރުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޝިޕިން ލައިނެއް ތައާރަފުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ޝައިހް ހަސީނާ ވިދާޅުވިއެވެ.
ޝައިހް ހަސީނާ ވަނީ ކޮވިޑް-19 ގެ ހާލަތު މިހާރު ރަނގަޅުވެފައި ވުމުން ރާއްޖެއިން ބަންގްލަދޭޝްއަށް ދަތުރުކުރާ ފަރާތްތަކަށް އޮންއެރައިވަލް ވިސާ ދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވަނީ 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް އަދި އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ދިވެހި އަސްކަރީޔާއަށް 13 އުޅަނދު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.