އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވިކަން އެނގިވަޑައިގަތީ އިއްޔެ ކަމަށެވެ.

މިގޮތުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށާއި ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގޭގައި އައިސޮލޭޓް ވެވަޑައިގެންފައި ވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ އޭނާ ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވާފައި ކަމަށާއި އަދި ބޫސްޓާ ޑޯޒް ވެސް ޖައްސަވާފައިވާ ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ޒިންމާތައް އަދާކުރެއްވުމަށް ޝާހިދު ހުންނަވަނީ އެމެރިކާގެ ނިއުޔޯކުގައެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެމެރިކާގެ ނިއުޔޯކުގައި ޝާހިދު ހުންނެވިއިރު ޝާހިދު ވަނީ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެ އަށް ވަޑައިގެންފައެވެ.