ވިލިމާލެ ދެކުނުން ޑިންގީއަކާއި ލޯންޗެއް ޖެހި 2 މީހަކަށް އަނިޔާވެގެން ފަރުވާދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ. މިހާދިސާގައި ޑިންގީ ވަނީ އަޑިއަށް ގޮސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 6:50 ހާއިރު ކަމަށެވެ.

މި ހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެފައި ވާއިރު، އެ ދެ ފިރިހެނުންވެސް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި ދެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހަމަ އެއާއެކު، އެ ހާދިސާގައި ޑިންގީ އަޑިއަށް ގޮސްފައި ވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޑިންގީއާއި ލޯންޗު ޖެހި މިހާދިސާ ހިނގަން މެދުވެރި ވި ސަބަބު އަދި ސާފު ނުވިނަމަވެސް، މި ދުވަސްވަރު ވިލިމާލެ ދެނުނު ބިތަށް ކޮށްމެވެސް ވަރަކަށް ވައި ބާރުކަން ފާހަގަކުރެވެއެވެ.