އާ އަހަރާ ދިމާކޮށް އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މިއަދު އުރީދޫން ފެށި ޕްރޮމޯޝަންގެ ދަށުން، އެކުންފުނީގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތް އެމްފައިސާ މެދުވެރިކޮށް، އެމްފައިސާ ބަލައިގަންނަ ކޮންމެ ތަނަކުން ވިޔަފާރި ކުރުމުން އެ ދެއްކި އަދަދުގެ ފަސް ޕަސެންޓު އަނބުރާ ޖަމާވާނެއެވެ.

އެ ޕްރޮމޯޝަން އަންނަ މޭ މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ އެމްފައިސާ އަކީ ފައިސާ ޖަމާކުރުމަށާއި، ނެގުމަށާއި، ވިޔަފާރިކޮށް ފައިސާ ދެއްކުމަށްޓަކައި ކޮންމެ ވަގުތަކުވެސް ބޭނުންކުރެވޭ ޑިޖިޓަލް ހިދުމަތެކެވެ. މިއީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ރާއްޖޭގައި މިފަދައިން ދޭން ފެށި ފުރަތަމަ ހިދުމަތެވެ.

މިހާރުވެސް މާލެ އާއި ރަށްރަށުގެ އެކި ވިޔަފާރިތަކުން އެމްފައިސާ ބަލައިގަންނައިރު، ބިލުތައް ދައްކަންވެސް ބައެއް ފަރާތްތަކުން އެމްފައިސާ ބޭނުންކުރެއެވެ.