ޕާކިން ސްލޮޓުތައް ދޭނެ ފަރާތްތައް ސިޓީ ކައުންސިލުން ގުރުއަތުން ކަނޑައަޅާފައި ވަނިކޮށް، އޭސީސީން އަންގައިގެން އަލުން ބާއްވާ ގުރުލުން ޖެނުއަރީ މަހުގެ 5 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މީގެ ކުރިން މި ގުރުއަތުލުން ބާއްވަން ނިންމައިފާ އޮތީ ރޭ 9 ޖަހާއިރަށެވެ.

މާލެ ސިޓީ ކައުންސިލް ބުނީ މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓްގެ ގުރުއަތުލުން އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފަހު ޖެނުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ޕާކިން ސްލްޓްތައް ދޫކުރުމުގެ މައްސަލާގައި އަލުން ގުރުލުން ބާއްވަން އޭސީސީން ކައުންސިލަށް އަންގާފައިވަނީ ކައުންސިލުން އެކަން ކުރިއަށް ގެންދިޔަ ގޮތާ މެދު ކައުންސިލްގެ ބައެއް މެމްބަރުން ސުވާލު އުފައްދާ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުއެވެ.

ކުރީގެ ގުރުލުން ބާތިލުކޮށް އަލުން ގުރުލުން ކުރިއަށް އަންގާފައިވާނެ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޕާކިން ސްލޮޓުތަކުގެ ގުރުލުން އަލުން ބާއްވަން ނިންމީ އިދާރީ ގޮތުން ނުކުރެވި ބައެއް ކަންކަން ހުރުމުން ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭގެ ދިހަ ސަރަހައްދަކުން 350 ކިލޯ އުފުލޭ ޕިކަޕާއި ވޭނާއި ކާރުތަކަށް 450 ސްލޮޓު ކުއްޔަށް ދޫކުރަން ނިންމާ އޭގެ ތެރެއިން 211 ސްލޮޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގައެވެ. އެ މުއްދަތު ހަމަވިއިރު 969 މީހަކު ވަނީ ކުރިމަތިލާފައެވެ.