ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު އެ އަތޮޅު ނޮޅިވަރަމަށް ގެެންގޮސް ފުލުހުންގެ ޓީމަށް މުބާރާތެއްގައި ކުޅުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނޮޅިވަރަމް ކައުންސިލުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޓައޮފީސް ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ޓީމަށް ކުޅުވުމަށްޓަކައި މޮނިޓަރިންއަށް ލާފައިވާ ރަށަކުން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކުޅުންތެރިއަކު އެޗްޕީއޭގެ އުސޫލާ ހިލާފަށް އެ ރަށަށް ކުޅެން ގެނައުމުން އެކަން ކުށްވެރިކުރާ ކަމަށެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުގެ މަތިން ކަރަންޓީނު ކުރެވިފައިވާ ފަރާތެއް އެއްރަށުން އަނެއްރަށަށް ބަދަލުކުރުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަތައް ހޯދާފައި ނުވާ ކަމަށާއި މިކަންތައްތައް ހިނގުމުގެ ކުރިން އެ ކައުންސިލުގެ ހުއްދަ، އެއްވެސް ފަރާތަކުން ހޯދާފައި ނުވާ ކަމުގައިވެސް ނޮޅިވަރަމް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެއިތުރުން މިކަމަކީ ނޮޅިވަރަމު ރައްޔިތުންނަށް އޮތް ނުރައްކަލަކަށް ވާއިރު މިކަމުގެ ކަންކަން ބެލުމުގެ ޒިންމާ ހަވާލުވެފައިވާ އިދާރާއެއްގެ މުވައްޒަފަކަށްވެ ހުރެ މިފަދަ އަމަލެއް ހިންގާފައިވާތީ މި އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދާ އެފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.

މިފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގައި ކައުންސިލުން ފަސްނުޖެހޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަވަމުން ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ މި މަހުގެ 10 ގަ ފެށިގެން މި މަހުގެ 20 ވަަނަ ދުވަހަށް ކުޅުނު އެ މުބާރާތުގައި އެ ކުޅުންތެރިޔާ ކުޅުނު ފުރަތަމަ މެޗުން އެކަން ފާހަގަވެގެން ނޮޅިވަރަމްގައި ކަރަންޓީނު ކުރިކަމަށެވެ.

ފުލުހުން ހާޒިރުކޮށް އެކަމާ ގުޅިގެން މަޝްވަރާކުރެއްވިކަން ފާހަގަކުރައްވާ ޔޫސުފް ވިދާޅުވީ ކަރަންޓީނުގައި ތިބޭ ފަރާތްތައް އެއްރަށުން އަނެއް ރަށަށް ގެންދިއުމަށް ފުލުހުނަށް ހާއްސަ ހުއްދައެއް ލިބިފައިވާ ކަމަށާއި އެކަން ކުރީ ގަވާއިދުގައި އޮތް ގޮތަކަށް ކަމަށް އެ މީހުން ބުނި ކަމަށެވެ.

ޔޫސުފް އިތުރަށް ވިދާޅުވީ މިކަމާ ހަނިމާދޫ ކައުންސިލާއި ސިއްހީ މަރުކަޒާވެސް ވާހަކަދެއްކި ކަމަށާއި އެ މީހާއަކީ މި މަހުގެ 7 ވަނަ ދުވަހު 14 ދުވަހަށްް ކަރަންޓީނަށް ލާފައިވާ ފަރާތެއްކަން އެނގިފައިވާ ކަމަށެވެ.

ހަނިމާދޫއިން ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންނަށްލައިފާ ވަނީ މި މަހުގެ 12 ވަނަ ދުވަހެވެ. އަދި މިހާތަނަށް އެރަށުން ވަނީ 56 ކޭސް ފެނިފައެވެ.