ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސްގެ ނަފްސާނީ ހާލަތު ދެނެގަނެވެން ދެން ޝަރީއަތުގެ މަރުހަލާތައް މަޑުޖައްސާލަން ޝަރީއަތާ ހަވާލުވެ ހުންނެވި ގާޒީ ދީބަނާޒް ފަހްމީ ނިންމަވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޔާފިސްއަށް ކުރާ ތިން ދައުވާ ވެސް އިއްވައިފައެވެ. އެހެންނަމަވެސް ޔާފިސް ވަނީ އެ ތިން ދައުވާއަށް ވެސް އިންކާރު ކޮށްފައެވެ.
ދިފާއަށް ހެއްކެއް ނެތް ކަމާއި ދިފާއީ ވަކީލަކު އަދި ދައުލަތުން ދިފާއީ ވަކީލަކު ހަމަޖައްސައިދޭން ވެސް ޔާފިސް ފުރަތަމަ ގެންދިޔައީ އިންކާރު ކުރަމުންނެވެ. ދިފާއަށް ބޭނުން ކުރެވިދާނެ ހުށަހެޅުމެއް ޝަރީއަތުގެ ކުރިން ހުށަހެޅުމުގެ ފޯމު މެދުވެރިކޮށް ހުށަހަޅަން ވެސް އިންކާރު ކުރިއެވެ. އެހެންނަމަވެސް ފަހުން ޔާފިސް ވަނީ އޭނާ ބޭނުން ވަގުތެއްގައި ދައުލަތުން ހަމަޖައްސައިދޭ ވަކީލު ދޫކޮށްލެވުމުގެ ފުރުސަތު އޮތްނަމަ، ވަކީލަކު ހަމަޖައްސައިދޭން އެދިފައެވެ. އެ ގޮތަށް އެދުމުން ގާޒީ ވަނީ އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ވަކީލަކު ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.
ނަފުސާނީ އަދި ޖިސްމާނީ އެއްވެސް ކަމެއް އުޅޭތޯ އާއި އެފަދަ އެއްވެސް ސިއްހީ މައްސަލައަކަށް އެއްވެސް އިރެއްގައި ފަރުވާ ހޯދާފައިވޭތޯ ވެސް ގާޒީ ސުވާލު ކުރެއްވުމުން ޔާފިސް ވަނީ 2013 ވަނަ އަހަރުހާ ހިސާބުގައި އޭނާ ނަފުސާނީ ބައްޔެއް ކަމުގައިވާ "ސްކިޓްސްފްރީނިއާ" އަށް ފަރުވާ ހޯދި ކަމަށާއި ޑިސެމްބަރު 2020 ގައި ނަފުސާނީ ދަތިތަކެއް ދިމާވެގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ކަމަށް ވެސް ބުނެފައެވެ.
މި ކަންކަމާ ގުޅޭ ގޮތުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޔާފިސްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ސައިކޮލޮޖިކަލް އެސަސްމަންޓްއެއް ހެދި ކަމަށާއި އެއިން އޭނާގެ ނަފުސާނީ މައްސަލައެއް ފާހަގަވެފައި ނެތް ކަމެވެ.
ޔާފިސް ފާހަގަ ކުރި ބައްޔަކީ "ސައިކޮލޮޖިކަލް" ބައްޔެއް ނޫން ކަމާއި އެއީ "ސައިކައިއަޓްރިސްޓް" ނަފުސާނީ ބައްޔެއް ކަން ގާޒީ ފާހަގަ ކުރެއްވުމުން އެފަދަ ބަލީގެ ހާއްސަ މީހަކަށް ޔާފިސް ބަންދުގައި ހުއްޓައި ދެއްކި ކަމަށް ދައުލަތުން އަދި ޔާފިސް ވެސް ބުންޏެވެ. އެކަމަކު އޭގެ ލިޔެކިއުންތަކެއް ދައުލަތުގެ ވަކީލުންގެ އަތުގައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ގާޒީ ދެން ފާހަގަ ކުރެއްވި ކަމަކީ ޔާފިސް ތަހުގީގަށް ދިން ބަޔާނުންނާއި އޭގައި ދައްކާފައި ހުރި ވާހަކަތަކުން ނަފުސާނީ މައްސަލައެއް ހުރުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވޭތީވެ، އޭނާގެ ހާލަތު ދެނެގަނެވެން ދެން ޝަރީއަތުގެ މަރުހަލާގެ އަޑުއެހުމެއް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން މި ވަގުތު ޔާފިސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމުން ކަރެކްޝަންއަށް ބަދަލު ކުރެވޭނެ ދުވަހަކާއި ސައިކައިއަޓްރިސްޓްގެ ލިޔެކިއުންތައް އަދި އުނގޫފާރު ހޮސްޕިޓަލުން ހޯދި ފަރުވާގެ މައުލޫމާތު ހޯދުމަށް ގާޒީ އެންގެވިއެވެ.
މީގެ ކުރިން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭގެ ކުރިން ބަންދުގެ މުއްދަތަށް ހާޒިރު ކުރި އަޑުއެހުމެއްގައި ނަޝީދަށް މަރުގެ އިންޒާރުދީ އަޑުގަދަކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 30 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
ޔާފިސްގެ މައްޗަށް ކުރި ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
ނަޝީދަށް އިންޒާރުދިން މައްސަލާގައި ރ. މީދޫން މިދިޔަ އޮގަސްޓު މަހުގެ 23 ގައި ޔާފިސް ހައްޔަރުކުރީ، ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށާއި، މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލައަށްވުރެ ވަރުގަދަ ހަމަލައެއް ދޭނެ ކަމަށް ބުނެ، ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެންނެވެ.
ތީ ސިކް ޖަޖެއް