ޕާކިން ސްލޮޓުތައް ދޭނެ ފަރާތްތައް ސިޓީ ކައުންސިލުން ގުރުއަތުން ކަނޑައަޅާފައި ވަނިކޮށް، އޭސީސީން އަންގައިގެން އަލުން ބާއްވާ ގުރުލުން މާދަމާރޭ ބާއްވަން ނިންމައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި ކައުންސިލުން ބުނީ، ޕާކިން ސްލޮޓުތަކުގެ ގުރު ނެގުމުގައި ކުރިން ފާހަގަ ކުރެވިފައިވާ މައްސަލަތައް ހައްލުކޮށް، މާދަމާރޭ 9 ޖަހާއިރު ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އޮންނާނެ ކަމަށާއި، ފޯމުލީ ފަރާތްތަކުން އަމަލީގޮތުން ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.

ޕާކިން ސްލްޓްތައް ދޫކުރުމުގެ މައްސަލާގައި އަލުން ގުރުލުން ބާއްވަން އޭސީސީން ކައުންސިލަށް އަންގާފައިވަނީ، ކައުންސިލުން އެކަން ކުރިއަށް ގެންދިޔަ ގޮތާ މެދު ކައުންސިލްގެ ބައެއް މެމްބަރުން ސުވާލު އުފައްދައި، ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުގައެވެ

.ކުރީގެ ގުރުލުން ބާތިލުކޮށް އަލުން ގުރުލުން ކުރިއަށް އަންގާފައިވާނެ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް، ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ޕާކިން ސްލޮޓުތަކުގެ ގުރުލުން އަލުން ބާއްވަން ނިންމީ އިދާރީ ގޮތުން ނުކުރެވި ބައެއް ކަންކަން ހުރުމުން ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭގެ ދިހަ ސަރަހައްދަކުން 350 ކިލޯ އުފުލޭ ޕިކަޕާއި ވޭނާއި ކާރުތަކަށް 450 ސްލޮޓު ކުއްޔަށް ދޫކުރަން ނިންމައި، އޭގެ ތެރެއިން 211 ސްލޮޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގައެވެ. އެ މުއްދަތު ހަމަވިއިރު 969 މީހަކު ވަނީ ކުރިމަތިލާފައެވެ.