ކުރިއަށް އޮތް ދުވަސްތަކުގައި އެމްޓީސީސީއަށް ބުރިޖު ވެސް އެޅޭނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، އެމްޓީސީސީގެ 41 އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީން މިހާރު ކުރިމަތިލާފައި ވަނީ މުޅިން އެހެން މިސްރާބަކަށް ކަމަށެވެ. އަދި ކުންފުންޏަށް 50 އަހަރު ފުރޭ ރަން ޔޫބީލްގެ ތަސައްވުރު މިހާރު ކުރަހާފައިވާ ކަމަށާއި އެ ތަސައްވުރުގައި ވަނީ ކުރިއެރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިގޮތުން އެމްޓީސީސީއަށް ބައިނަލްއަގުވާމީ މަަޝްރޫއުތަކާއި ބުރިޖުތައް ވެސް އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަނިކުފާނުގެ (ރައީސް އިބްރާހިމް މުހައްމަދު ސޯލިހު)ގެ ޒައާމަތުގައި މި ކުންފުނި (އެމްޓީސީސީ) އިން އަމާޒު ހިފާފައިވާ ކަންތައްތަކުގެ ތެރޭގައި، މި ކުންފުނިން ބުރިޖުވެސް އެޅޭނެ، ބައިނަލްއަގުވާމީ ބޮޑެތި މަޝްރޫއުތައްވެސް ހިންގޭނެ. އިންޓަނޭޝަނަލް ޑޮކްޔާޑްވެސް ގާއިމު ކުރެވޭނެ. ހައި ސްޕީޑް ފެރީތައްވެސް ގާއިމު ކުރެވެނީ
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވަނީ މި ސަރުކާރު އައި ފަހުން އެކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން މީގެ ކުރިން މަދު މަޝްރޫއުތަކެއް ހިންގަމުން އައި އެމްޓީސީސީއަކީ މިއަދު ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުނި ކަން އޭނާ ފަހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމްޓީސީސީގެ ޕްރޮޖެކްޓަކުގެ ސްޕީޑް އަވަސްވެ ކުރިން ތިން އަހަރުން ހިންގި ބޮޑެތި މަޝްރޫއުތައް މިހާރު އެއް އަހަރުން ނިންމާލެވޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ފާއިތުވި ތިން އަހަރު އެމްޓީސީން މަޝްރޫއުތައް ކެނޑިނޭޅި ހިންގަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި، މަގުހެދުމާއި، ބަނދަރު ހެދުމާއި، އެއާޕޯޓް ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ހޮސްޕިޓަލް އެޅުން ފަދަ އެތައް މަޝްރޫއުތަކެއް ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.