އެމްޓީސީސީގެ އަމާޒަކަށް ދެން ވާންވީ ބައިނަލްއަގްވާމީ ޕްރޮޖެކްޓްތަކާ ދިމާއަށް މިސްރާބު ޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޓީސީސީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާ ކުރަންވީ ވަގުތު މިހާރުވަނީ ޖެހިފައެވެ.

މިގޮތުން ދެން ރާއްޖޭގެ ހާއްސަކޮށް، އަތޮޅުތަކުގެ ރަށްރަށުގެ އުމްރާނީ ތަރައްގީއަށްޓަކައި ކުރަން ޖެހޭނެ ކަންތައްތަކުގެ ގޮތުގައި އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވެނީ މަގުތައް ހެދުމާއި، އެއް ރަށް އަނެއް ރަށް ކަނޑުމަގުންނާއި އަދި ބްރިޖާއި ކޯޒްވޭތަކުން ގުޅައިލުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށް އެމްޓީސީސީން ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޓީސީސީގެ އަމާޒަކަށް ދެންވާންވީ ބައިނަލްއަގްވާމީ ޕްރޮޖެކްޓްތަކާ ދިމާއަށް މިސްރާބު ޖެހުން ކަމަށާއި އެކަމުގެވެސް ހިޔާލު ކުންފުނީގައި ގެންގުޅޭތީ އެކަމަށްޓަކައި ކުންފުނީގެ ހިންގުންތެރިންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޓީސީސީގެ އަމާޒަކަށް ދެން ވާންވީ ބައިނަލްއަގުވާމީ ޕްރޮޖެކްޓުތަކަށް މިސްރާބު ޖެހުން. އެކަމުގެ ހިޔާލު ވެސް ކުންފުނީގައި ގެންގުޅުއްވާތީ އެކަމަށްޓަކާ ކުންފުނީގެ ހިންގުންތެރިންނަށް ޝުކުރު އަދާކުރަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ޖަލްސާގައި އެމަނިކުފާނު ވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީއާ ބޮޑު މަޝްރޫއެއް ހަވާލުކޮށްފައިވާކަން ހާމަކުރައްވާ، އެ މަޝްރޫއުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ހިދުމަތް ފެށުމަށް، އެމްޓީސީސީން ތައްޔާރުވަމުންއަންނަ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ތަރައްގީގެ މަޝްރޫޢުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުސަތުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިގެންދާނެކަން ރައީސް ފާހަގަކުރައްވާފައެވެ.