ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަން ނިންމާފައިވާތީ އެކަމާ ގުޅޭ މައުލޫމާތު މިއަދު ޕާޓީގެ މެންބަރުންނަށް ހާމަކުރާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީގެ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ ޕާޓީ ތެރޭގައި ބާއްވާ ޕްރައިމަރީ އަކަށް ފަހު ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ފަހުން އުފެއްދި ޕާޓީ އަކަށް ވިޔަސް އެ ޕާޓީ އަކީ ވެސް ދިވެހި ރައްޔިތުން ބަލައިގެންފައިވާ ޕާޓީއެއް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ކޮމަންޑޫ އަށް ނިސްބަތްވާ ބޭފުޅަކު އެމްްއެންޕީގައި އިސްކޮށް އުޅުއްވާ ކަމަށާއި އެމްްއެންޕީގެ އާންމު މެންބަރުން ވެސް އެ ދާއިރާގައި އެބަތިބި ކަމުގައިވެސް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަނަށް ހާމަކޮށްފައިވަނީ އެމްޑީޕީއާއި ޕީޕީއެމް އިންނެވެ.
އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ނިންމާފައިވަނީ ޕްރައިމަރީއެއް ބޭއްވުމަށްފަހުއެވެ. މިމަހުގެ 27 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ނިންމާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެންބަރުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ޕީޕީއެމް އިން ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅާނެ ގޮތެއް އެޕާޓީން އަދި ހާމައެއް ނުކުރެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ އަންގާރަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓް ފަހުންނެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 10 ވާ ބުރާސްފަތި ދުވަހުއެވެ.