ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ކުށް ސާބިތުވެގެން ޖަލަށް ލާން ހުކުމްކުރި ބަންގްލަދޭޝް މީހާ ހުކުމަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރުމުން މިނިވަން ވެއްޖެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓުގައި އިތުރު ބަޔަކާ ގުޅިގެން ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރީ އެގައުމަށް ނިސްބަތްވާ މުހައްމަދު ސަޖިބެވެ. އޭރުން ފެށިގެން ޝަރީއަތް ނިމެންދެން ސަޖިބުގެ މައްޗަށް ހުކުމްކުރީ 10 މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް އޭނާ ވަނީ ބަންދުގައި އިތުރު ހަތަރު މަސް ހޭދަ ކޮށްފައެވެ.
އެހެންކަމުން އޭނާ ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ސަޖިބުގެ މައްސަލާގައި ހިމެނޭ ބާކީ ދެ މީހުންގެ ޝަރީއަތަށް ވުރެ އޭނާގެ ޝަރީއަތް އަވަހަށް ނިމުނީ ކުށަށް އިއުތިރާފުވެ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލީމައެވެ. ނަމަވެސް އޭނާގެ މައްސަލަ ބެއްލެވި ގާޒީ އިސްތިއުފާ ދެއްވުމުން ސަޖިބުގެ ޝަރީއަތް ދިގުލައިގެން ދިޔައީއެވެ.
މި މައްސަލާގައި ސަޖިބުގެ އިތުރުން، ދެން ހައްޔަރުކުރި ބ. އޭދަފުށި، ރަންވެލި، އަބްދުﷲ މުއުތައްޒާއި އެ ރަށު އެރޯމާ، ހަސަން ސަމޫހު ބައިވެރިވެގެން އަނިޔާކުރީ ބަންގްލަދޭޝްގެ ނޫރުލް އިސްލާމަށެވެ. ނޫރުލް އިސްލާމް ރަހީނުކުރީ އޭނާ ދިރިއުޅުނު މއ. ހުކުރަދި ގޭގައި އޮއްވައެވެ.
މުއުތައްޒުގެ ސައިކަލަށް އަރުވައިގެން ނޫރުލް އިސްލާމް މއ. ވަންދޫގެއަށް ގެންގޮސް އެގޭގެ ކޮޓަރިއެއްގައި ބަންދުކޮށް ގޮނޑިއެއްގައި ދެ ދުވަސް ވަންދެން ބޭންދި ކަމަށް ސަޖިބު ވަނީ ޝަރީއަތުގައި އިއުތިރާފްވެފައެވެ. އެއަށްފަހު، އޭނާ އެގެއިން ނެރެގެން ގެންގޮސް އެހެން ގެއެއްގެ ކޮޓަރިއަކަށް ލާ ބަންދުކޮށްގެން ދެ ދުވަސް ވަންދެން ގެންގުޅުނެވެ.
އެ ދެ މީހުންގެ މައްސަލަ ވަކި ގަޒިއްޔާތަކަކުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.