ފެން ކުންފުނި އެމްޑަބްލިއުއެސްސީން ޅ. އޮޅުވެލިފުށީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިއަދު އިފްތިތާހުކޮށްފިއެވެ.

އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތްތައް އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމްގެ އިތުރުން، ޅ. އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުالله އާއި، އޮޅުވެލިފުށި ކައުންސިލުގެ ރައީސް މުހައްމަދު އާޒިމެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ތަކެތި އޮޅުވެލިފުށްޓަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 53 ޕަސެންޓު މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، އޮޅުވެލިފުށީގައި 9.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރާނެއެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެއެވެ.

ހަމަ އެއާއެކު، މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން، އެ ރަށުގައި 6.56 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި، 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓްފޯލް ގާއިމްކުކޮށް، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

އަދި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން 80.08 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން، އޮޅުވެލިފުށީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.