ބ. މާޅޮހުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ފެން ކުންފުނި އެމްޑަބްލިއުއެސްސީން އިފްތިތާހު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، މޯލްޑިވްސް ޕޯސްޓްގެ ޗެއާމަން މުހައްމަދު އަބްދުﷲ ގެ އިތުރުން، ބ.އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް އަދި މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއުއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މާޅޮހަށް ފޮނުވައި، މި މަޝްރޫއުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 23 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، މަތިވެރީގައި 4.94 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީއެއް ބަހައްޓާނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓާ ފެނުގެ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ރައްކާތެރި ބޯފެންފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގައި 4.50 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 2 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަންބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލުއުއެސްސީއިން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޑަބްލިއުއެސްސީއާ 60.45 މިލިއަން ދިވެހި ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.މި މަޝްރޫއުގެ މަސައްކަތް ނިމުމުން މާޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.