މާލޭގައި މިއަދު ހެނދުނު ޒުވާނަކު ޒަހަމްވީ އޭނާއަށް އެހެން މީހަކު ދިން ހަމަލާއެއްގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:21 ހާއިރު މާލެ މެހެލިގޯޅީގައި މީހަކަށް ހަަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހުން ބެލި ބެލުމުން އަނިޔާވެފައިވާ މީހާއަށް ލިބިފައިވާ އަނިޔާއަކީ މީހަކު ދިން ހަމަލާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫންކަން ވަނީ އެނގިފާ ކަމަށެވެ. އަދި އެ އަނިޔާ އަކީ އަނިޔާ ލިބުނު މީހާ ގެންގުޅުނު އެއްޗަކުން އެ މީހާ އަށް ލިބުނު އަނިޔާއެއް ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

"އެ އަނިޔާތަކަކީ އަނިޔާ ލިބުނު މީހާ ގެންގުޅުނު އެއްޗަކުން އެ މީހާއަށް ލިބުނު އަނިޔާތަކެއް ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައިވޭ،"
ފުލުހުން

އެހެން ނަމަވެސް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަނިޔާވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން މިއަދު ހެނދުނު ވަނީ އަނިޔާވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަަމަށާއި އަދި އެ މީހާއަށް އޭޑީކޭ ހޮސްޕިިޓަލްގައި ފަރުވާދޭ ކަމަށް ވެސް ބުނެފައެވެ.