އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކުރި ދިވެހި ނަރުސްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި މޭރީގެ މަރުގެ މައްސަލަ ފެންމަތިވެ ދިވެހި ނަރުހެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ. ހައްޔަރު ކުރީ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާން ކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ޕޯސްޓްމޯޓަމްތަކުން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

މި މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، މޭރީގެ ފިރިމީހާ މާވިން އަށް ތުހުމަތުކޮށް، ފުލުހުން ވަނީ އޮކްޓޯބަރު 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ހައްޔަރުކުރި 24 އަހަރުގެ އަންހެން މީހާއަކީ މާވިން އާ ލޯބީގެ ގޮތުން ގުޅުން އޮންނަ ދިވެހި އަންހެން ނަރުހެކެވެ.

މޭރީ ގްރޭސް އަކީ ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ އީއާރްގައި ނަރުހެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.