މީގެ ހަތް އަހަރު ކުރިން ރާއްޖެ ޓީވީގައި ރޯކޮށްލި މީހާގެ ދެ އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ.

2013 ވަނަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރާއްޖެ ޓީވީގެ ސްޓޫޑިއޯ ހުންނަ އިމާރާތަށް ބަޔަކު ވަދެ، އެތަނުގައި ރޯކޮށްލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ، މީއާދު އެ ދައުވާއަށް އިންކާރުކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް އެކުށް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ފާހަގަކުރި ކަންތައްތައް:

  • އެ ހާދިސާ ހިނގި ރޭ އިތުރު ބަޔަކާ އެކު މީއާދު އެ އިމާރާތަށް ވަންކަން ހެކިންގެ ހެކި ބަހުން އެނގޭ ކަން
  • އެ ހާދިސާ ހިނގިފަހުން އެ ސަރަހައްދުން ފެނުނު އަންގިއެއްގައި މީއާދުގެ ޑީއޭންއޭ ފެނުން
  • އަލިފާނުގެ އަސަރު ކުރުމުން ފެންނާނެ ލަކުނުތައް އޭނާގެ ހަށިގަނޑުގައި ހުރުން

އެހެންވެ، އެ މައްސަލާގައި މީއާދު ދެ އަހަރު ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އޭނާ 63 ދުވަސް ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

އެ މައްސަލާގައި މީއާދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އޭރު އަމަލުކުރަމުން އައި ގާނޫނުގައިވާ ގޮތުން، ޓެރަރިޒަމްގެ ކުށެއް ކޮށްފިނަމަ އޮންނަނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ހުކުމެއް އައީ އެ ހާދިސާގެ ފަހުން ގާނޫނުލްއުގޫބާތު ވުޖޫދަށް އައުމާއެކު އެ ގާނޫނުގައި އެ ކުށަށް ލުއި އަދަބެއް ހިމަނާފައިވާތީއެވެ.