ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، ހިންގުމުގެ ދާއިރާގައާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ވިމެން އިން މެނޭޖްމަންޓްގެ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2021" ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނުގެ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނޭޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް އެކުލަވާލެއްވިކަން ފާހަގަކުރެއްވިއެވެ.

އަދި އެ ލިސްޓުގައި ކުރަން ކަނޑައަޅާފައިވާ އެއްކަމަކީ، ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭން ކަމުގައިވާ "ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން" ތަންފީޒު ކުރުންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މި ޕްލޭންގެ މުހިންމު އެއް ބަޔަކީ ގައުމީ ފެންވަރުގައި ހިންގާ ކޮންމެ ހަރަކާތެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިންތީގެ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖްތިމާއީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތަކީ ސަރުކާރުން މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ މުހިންމު ވައުދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 2021 ވަނަ އަހަރުގެ ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސްގައި ފާހަގަކޮށްފައިވާ، ރާއްޖެ ހޯދާފައިވާ ބައެއް ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވަމުން މިހާރު މިންތީގެ ތަފާތުތައް އެންމެ ބޮޑު ދާއިރާކަމުގައިވާ ސިޔާސީ އަދި އިގްތިސާދީ ދާއިރާގައި މިތަފާތުތައް ކުޑަކުރުމަށް، ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަންހެނުން ބާރުވެރިކުރުމުގެ ބޭނުމަކީ ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުހަލާގެ މޭޒު ދޮށަށް ގެނައުން

ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުހަލާގެ މޭޒު ދޮށަށް ގެނައުން ކަމަށެވެ.

އަޅުގަނޑުމެން މި ބޭނުންވާ ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، ހިންގުމުގެ ދާއިރާގައާއި، ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ރަސްމިއްޔާތުގައި، އެންމެ ޝަރަފުވެރި އެވޯޑްތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ސޯލިހާއި ފަޒްނާއެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ވިމެން އިން މެނޭޖްމަންޓުގެ ރާއްޖޭގެ ގޮތްޕެވެ. އެޖަމުއިއްޔާއިން ދެމުން އަންނަ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.