ކޮޓަރިއެއްގެ ތެރޭގައި ހުރި ރައިސް ކުކަރަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ދެމީހެއްގެ ތެރެއިން އެކަކުގެ މައްޗަށް ދައުވާ ސާބިތުވެ، އޭނާ އުމުރު ދުވަހަށް ޖަލަށް ލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކޮޓަރިއެއްގެ ތެރޭގައި ހުރި ރައިސް ކުކަރަކުން 2018 ވަނަ އަހަރު މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލީ ސ. ހިތަދޫ، ބަހާރުގެ، އަޖުނާދު މުހައްމަދަށާއި، މާލެ، މއ. އާހިޔާވިލާ، ފާތިމަތު ޔުސްރާގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ މީހުން ދިރިއުޅެމުން ދިޔަ ކޮޓަރި ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފެނުމުންނެވެ. ރައިސް ކުކަރުގައި ހުރީ 103 ގްރާމް ޑައިމޯފިންއެވެ. އަދި އެ ކޮޓަރީގައި ހުރި ކަބަޑެއްގެ ތެރޭގައި އޮތް ފޮތެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓެއްގައި 1.59 ގްރާމް ޑައިމޯފިން ވަނީ ފެނިފައެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، އަޖުނާދު ދިރިއުޅުނު ކޮޓަރީގައި މަސްތުވާތަކެތި ހުރި ކަމާއި، ހުރި ތަން އެނގޭކަން ފުލުހުންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

އަޖުނާދު އުޅުނު ކޮޓަރިއަކީ ތަޅު ނުލެވޭ، ކޮންމެ މީހަކަށްވެސް ވަދެ ނުކުމެވޭ ގޮތަށް ހަދާފައި ހުންނަ ތަނެއް ކަމަށް ވާތީ، އެ ކޮޓަރީގައި ކޮންމެ މީހަކަށްވެސް މަސްތުވާތަކެތި ބެހެއްޓޭނެކަން ސާބިތު ކޮށްދިނުމަށް އޭނާ ހެކިން ހުށަހެޅިއެވެ. ދިފާއީ ހެކިންގެ ހެކިބަހުން އެކަން ސާބިތުވި ނަމަވެސް، އެ ކޮޓަރީގައި މަސްތުވާތަކެތި ހުރިކަން އަޖުނާދަށް އެނގިފައި އޮތުމުން، އޭނާއަށް އެކަމުގެ ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށް ހުކުމުގައި ވެއެވެ.

މީގެ އިތުރުން، ކެނަބިސް އަޅާފައި ހުރި ދެ ބިޑިއެއް އެ ކޮޓަރީގެ ތެރެއިން ފެނުނު އިރު، އެ ދެ ބިޑިއަކީ ޔުސްރާގެ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ މައްޗަށް އެކަމާ ގުޅިގެން ދައުވާ އުފުލާފައެއް ނުވެއެވެ.

އެއާއެކު، ކްރިމިނަލް ކޯޓުން ވަނީ ޔުސްރާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. ނަމަވެސް އަޖުނާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، އެހެންވެ އޭނާ އުމުރު ދުވަހަށް ޖަލަށް ލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުުރަން ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައެވެ. ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެތެރޭ ދައްކާ ނިންމަން ކޯޓުން ވަނީ ފުރުސަތު ދީފައެވެ.

މަސްތުވާތަކެތީގެ ކުޑަކުޑަ މިންވަރެއް ފެނިގެން މީހަކު އުމުރަށް ޖަލަށް ލީ އިރު، 100 ކިލޯ، 200 ކިލޯ ފެނިގެން އަތުލާ މީހުން ދަނީ މިނިވަން ވަމުންނެވެ.