އުރީދޫން ޕީސް ކޭބަލަށް އިންވެސްޓްކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ޕީސް ކޭބަލުން ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށްޓަކައި، އިންޓަނޭޝަނަލް ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށްދޭނެ އެވެ. މި ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރު އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އުރީދޫން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ، މި ސަބްމެރިން ކޭބަލްގެ ސަބަބުން 5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށެވެ. އަދި އިންޓަނެޓާއި ކްލައުޑްގެ ހިދުމަތްތައް ވެސް އިތުރަށް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރެއް ބިނާކުރުމަކީ މުހިންމު ކަމެއް. އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައަަށް ފަހިކޮށްދިނުމުގައި އުރީދޫން ދެމިތިބޭނަން،"
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ،

'ޕީސް' ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫން ނިންމާފައި ވަނީ ކުޅުދުއްފުށިން ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށެވެ. ކުޅުދުއްފުށިން މިކަން ކުރަން ނިންމީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިދީ، ޑިޖިޓަލް ހިދުމަތްތަކާ އެކު ފަހިވާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.

މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް ގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެއެވެ.

ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަނެށް ހެދުމުން ރާއްޖޭގެ އުތުރުގެ ސަރަހައްދު ވާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. އުރީދޫން ބުނީ މިކަން ކުރުމުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވޭނެ ކަމަށެވެ.

ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ހދ. ކުޅުދުއްފުށީގައި ކޭބަލް ގުޅުވައިލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.