މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދުތައް ހުއްޓުމަކަށް އައުމާއި ކުރަންޖެހުނު ސިއްހީ ހަރަދުތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައި މިލިއަނެއްހާ މީހުން ފަގީރު ހާލަތަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ވޯލްޑް ބޭންކުން ގުޅިގެން ތައްޔާރު ކުރި ރިޕޯޓަކުން ދައްކައިފިއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގެ ތާރީހަށް ބަލާއިރު، ކޮވިޑް-19ގެ މި ކާރިސާއަކީ 1930 ވަނަ އަހަރުގެ ފަހުން ދުނިޔެ ދުށް އެންމެ ބޮޑު އިގްތިސާދީ ކާރިސާ ކަމަށެވެ.

ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދުތައް ހުއްޓި ސިއްހީ ދާއިރާއަށް އެތަކެއް ހަރަދުތަކެއް ކުރަން ޖެހިފައި ވާއިރު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މީގެ ކުރިން ކޮންމެ އާއިލާއަކުން ވެސް ސިއްހީ ކަންކަމަށް ހަރަދު ކޮށްފައި ވަނީ އެ އާއިލާއަކަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 10 ޕަސެންޓް ކަމަށެވެ.

ނަމަވެސް ކޮވިޑާއެކު މިކަން ބަދަލުވެގެން ދިއަކަމަށާ ލިބޭ އެއްޗެއްގެ ބޮޑުބައެއް ސިއްހީ އެކިއެކި ބޭނުންތަކަށް ހަރަދު ކުރަން ގިނަ އާއިލާތަކަށް ޖެހުނު ކަމަށެވެ.

ރިޕޯޓުގައި ބުނީ މި ބަލިމަޑުކަމާއެކު ސިއްހީ ކަންކަމުގައި އެކި ގައުމުތައް ގެންގުޅޭ އުސޫލާ، ފެންވަރު އަދި ތަފާތުތައް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާ ތަފާތުތައްވެސް އެނގިގެން ދިއަކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ޑަބްލިއުއެޗްއޯ އަދި ވޯލްޑް ބޭންކުން ގުޅިގެން އާންމުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން ކޮވިޑްގެ ވަބާއާއެކު ޕަބްލިކް ހެލްތްގެ މުހިއްމުކަން ގައުމުތަކަށް އެނގުމާއެކު ޕަބްލިކް ސެކްޓަރުތަކުގެ ބޭނުން ހާމަވެގެން ވަނީ ގޮސްފައެވެ.