18 އަހަރުން ދަށުގެ ކުދީންނަށް ކިޔަވައިދޭ އެއްވެސް ތަނެއް ރަޖިސްޓާ ކުރުމަކާ ނުލައި ހިންގުމަކީ މަނާކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސުކޫލު ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓާ ކުރުމާއި ހިންގުމުގެ ގަވާއިދު އާންމު ކޮށްފައެވެ. އެ ގަވާއިދުގައި ބުނާ ގޮތުން ސުކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ކަމުގައި ބަލާނީ 18 އަހަރުން ދަށުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި، އަދި 18 އަހަރުން ދަށުގެ ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދޭ ތަންތަނެވެ. އެގޮތުން ބޭބީ ނާސަރީ އާއި، ނާސަރީއަށް ކިޔަވައިދޭ ތަންތަނާއި، ޕްރީސްކޫލާއި، ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަނާއި، ޓިއުޝަން ދޭ ތަންތަނާއި، ޤުރުއާން ކްލާސްތަކާއި، ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދީންނަށް ތައުލީމާއި ތަމްރީނުދޭ ތަންތަން ހިމެނެއެވެ.
އެޑިއުކޭޝަން އިން ބުނީ، ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަން ހިންގަން ވާނީ ރަޖިސްޓާ ކޮށްގެން ކަމަށާއި، ރަޖިސްޓާ ވުމަށް މިހާރުން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށެވެ. ފޯމާ އެކު ކިޔަވައިދޭ ތަންތަން ހިންގަން ގަސްތު ކުރާ ގޮތުގެ ހުށަހެޅުންވެސް ހުށަހަޅަން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ފޯމު ހުށަހަޅާ ތަންތަން ރަޖިސްޓާ ކުރެވޭނީ ކިޔަވައިދޭ ތަނެއްގައި ހުންނަންޖެހޭ "މިނިމަމް ސްޓޭންޑާޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީލަތްތައް ފުރިހަމަވާ ކަމުގައި ވާނަމަ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ. ހަމައެއާއެކު ކިޔަވައިދޭ ތަނެއް ރަޖިސްޓާ ކުރާއިރު ހުއްދަދޭ ޕްރޮގްރާމްތަކުގެ އިތުރުން، އިތުރު ޕްރޮގްރާމެއް ހިންގާނަމަ، އެ ޕްރޮގްރާމެއް ވަކިން ރަޖިސްޓާ ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން ނެރުނު ގަވާއިދުގައި ބުނެއެވެ. އަދި ހުއްދަ ދީފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެނެވޭނީވެސް މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
އެގޮތުން އަލަށް ރަޖިސްޓާ ކުރާ ތަންތަން ރަޖިސްޓާ ކުރުމާއި ޕްރޮގްރާމް ރަޖިސްޓާ ކުރުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި، 1000 ރުފިޔާ ނަގަން ވަނީ ހަމަޖެހިފައެވެ. ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއް ބަދަލު ކުރާނަމަ 500 ރުފިޔާގެ ފީއެއް ނަގާ ކަމަށާއި، ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ރަޖިސްޓަރީ ހައްދާ ނަމަ 2000 ރުފިޔާ ނަގާނެ ކަމަށް އެ ގާވައިދުގައި ބުނެއެވެ. މީގެ އިތުރުން އާ ޕްރޮގްރާމެއް ރަޖިސްޓާ ކުރާނަމަ، 250 ރުފިޔާ ނަގާނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.
ކްލާސްތައް ހިންގާ އިރު ފީ ނެގުމުގައި އަމަލު ކުރަންޖެހޭ ގޮތް:
ކިޔަވައިދޭ ތަންތަނުން، އެއްވެސް ބާވަތެއްގެ ފީއެއް އެއްވެސް ނަމެއްގައި ނަގަން ވާނީ، ފީގެ އަދަދުތަކުގެ ތަފުސީލުތައް މިނިސްޓްރީ އަށް ހުށަހަޅައިގެން ފާސްކުރުމަށް ފަހު ގައެވެ. އެގޮތުން ފާސްކޮށްދޭ ފީގެ ތަފުސީލު، ކިޔަވައިދޭ ތަނުން އާންމުކުރަން ވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ.
ދަރިވަރުންގެ އަތުން ފީ ނަގާނެގޮތުގެ އުސޫލު އެކުލަވައިލުމުގައި، ދަރިވަރުންގެ އުމުރު ފުރަޔަށާއި، ކުލާހުގައި ދަރިވަރުން ހޭދަކުރާ ވަގުތަށާއި، ކިޔަވައި ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށާއި، ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބަލަންވާނެ ކަަމަށް އެޑިއުކޭޝަން އިން ބުނެއެވެ. އަދި މި އުސޫލުގައި ފީ ދެއްކުން ލަސްވާ ހާލަތާއި ފީ ނުދައްކާ ހާލަތުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
ކިޔަވައިދޭ ތަންތަނުން ކުދީން އަތުން ނެގުމަށް މިނިސްޓްރީން ފާސްކޮށްދޭ ފީގެ މިންވަރު ބޮޑުވެގެންދާ ގޮތަށް ދިރާސީ އަހަރެއްގެ ތެރޭގައި ފީއަށް ބަދަލެއް ނުގެނެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެހެން ނަމަވެސް، މިނިސްޓްރީން ފާސްކޮށްފައިވާ ފީއަށް ވުރެ ކުޑަ ފީއެއް ނެގުމަށް ނުވަތަ މިނިސްޓްރީން ފާސްކޮށްފައިވާ ފީގެ ތެރެއިން ބައެއް މާފުކޮށް ދިނުމަކަށް ހުރަހެއް ނެތް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ރަޖިސްޓާ ކޮށްފައި ވާ ކިޔަވައިދޭ ތަނަކުން، މިނިސްޓްރީން އެ ތަނަކަށް ފާސްކޮށްދީފައިވާ ފީއަށް ބަދަލު ގެންނަން ބޭނުންވެއްޖެ ނަމަ، ނުވަތަ މިނިސްޓްރީން ފާސްކޮށްދީފައިވާ ފީގެއިތުރުން، އިތުރު ފީއެއް ނަގަން ބޭނުންވާ ނަމަ، ދިރާސީ އަހަރު ފެށުމުގެ ތިން މަސްދުވަހުގެ ކުރިން، ގެންނަން ބޭނުންވާ ބަދަލުގެ ތަފުސީލާއެކު ހުއްދައަށް އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މި ގަވާއިދުގައި ވަނީ ކުދިންނަށް ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކާއި މިފަދަ ތަންތަން ހިންގާ އިރު އެތަނުގައި ކުދިންނަށް އުންގަންނައިދޭ މުދައްރިސުންނަކީ ތައުލީމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު" އެކުލަވައިލުމުން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދައިފައިވާ މުވައްޒަފުން ކަން ކަށަވަރު ކުރަން ޖެހޭނެއެވެ. އަދި އެ ތަންތަނުގައި ގާނޫނު މަނާ ކުރާ ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ކުދިންނަށް އަލިފުބާ އަޅައިދޭ އެދުރުދައިތަ ވެސް ލައިސަން ނަގަންޖެހިއްޖެ. ކޮވިޑްތެރޭ މީހުން ހާންތި އަރާފަތިއްބާ ލާރި ކެވޭތޯ ބަލަމުންދަނީ. ގައުމަށް އައި ތަރައްގީއެއް ފެންނަންނެތްތާ ވައްކަމާ މަސްތުވުން މެކުހަށް. ތިރިވެތިރިވެފަވެސް މި ބަލަނީ ލާރިއެއް އަތުހޭކެނީ ކިހިނަކުންތޯ.