ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ރާޅެއް ހެން އިނގިރޭސިވިލާތުގައި ފެތުރިގެންދާނެ ކަމަށާ މިއީ މިހާރު އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އެގައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ ގިނަ ހިސާބުތަކަށް މިހާރު ފެތުރިފައިވާ އިރު އިނގިރޭސިވިލާތުން މިދިޔަ ހަފްތާގައި ބުނެފައިވަނީ އެގައުމުގެ އެތެރޭގައި ހަލުވި ކަމާއެކު މި ވޭރިއަންޓް ފެތުރެމުންދާ ކަމަށެވެ. އަދި އޮމިކްރޯން ވޭރިއަންޓް ޖެހިގެން ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ވެސް ފަރުވާ ދޭން ޖެހިފައިވާ ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.

އާދިއްތަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ، އޮމިކްރޯންގެ ސަބަބުން އިނގިރޭސިވިލާތުގެ ކޮވިޑް އެލާޓް ލެވެލް ހަތަރަކަށް މަތިކޮށްފައިވާ ކަމަށެވެ. އެލާޓް ލެވެލް ހަތަރަކަށް އުފުލުމުން ދޭހަވަނީ އިނގިރޭސިވިލާތުގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަން ކަމަށް މުރާސިލުން ބުނެއެވެ.

ޖޯންސަން ވިދާޅުވީ، އޮމިކްރޯންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކުއްލި ހާލަތަކަށް ގައުމު އައިސްފައިވާ ކަމަށާ ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ވެސް ސަލާމަތް ނުވާނެ ކަން މިހާރު ހާމަވެފައިވާ ކަމަށެވެ. އެހެން ކަމުން އިތުރު ބޫސްޓާ ޑޯޒެއް ޖަހާ ދިނުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށާ އިނގިރޭސި ސައިންސްވެރިން ވެސް މިކަމަށް ތާއީދުކުރާ ކަމަށް ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ، މި ހަފްތާއިން ފެށިގެން އިނގިރޭސިވިލާތުގައި އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ނުވަތަ ބޫސްޓާ ޑޯޒެއް ޖެހުމަށް ހުޅުވާލާނެ ކަމަށެވެ. މިކަމުގައި އެހީވުމަށް އަސްކަރިއްޔާގެ 42 ޓީމެއް އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކަށް ފޮނުވާނެ ކަމަށާ ވެކްސިންގެ ޓާގެޓް ހާސިލްކުރުމަށް ވެކްސިން ޖަހާ އިތުރު ތަންތަން ގާއިމުކޮށް މޯބައިލް ސްޓޭޝަންތައް ވެސް އިތުރުކުރާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވިއެވެ.